ވަނަވަރު

ތައާރަފް

މި ބްލޮގް އަކީ ކެންސަރު ބަލީގެ މައުލޫމާތާއި ފަރުވާ އަދި ކެންސަރު ބަލީގެ އެންމެ ފަހުގެ ދިރާސާ މައުލޫމާތު ދިވެހިބަހުން ގިނަބަޔަކަށް ހުށައެޅުމަށް އަޅުގަނޑު ފަށާފައިވާ މަސައްކަތެކެވެ.

އަޅގަނޑަކީ ލަންޑަން އޭލެވަލް އިމްތިހާނު 1993 ވަނަ އަހަރު ނިންމުމަށް ފަހު ސެކްރެޓެރީއެއްގެ ވަޒީފާގައި ސެންޓްރަލް ހޮސްޕިޓާލުގައި މަސައްކަތްކުރަން ފެށި މީހެކެވެ. އަދި އައި.ޖީ.އެމް ހޮސްޕިޓަލް ގެ ކްލިނިކަލް އެސިސްޓެންޓެއް ގެވަޒީފާއަށް 1995 ވަނަ އަހަރު ބަދަލުވިއެވެ.

އެއަށްފަހު 1997 ވަނަ އަހަރު ކަރާޗީ، ޕާކިސްތާނުގައި އެމް.ބީ.ބީ.އެސް ފުރިހަމަ ކުރުމަށް 2002 ވަނަ އަހަރާ ހަމަޔަށް އަންޑަ ގްރެޖުއޭޓް ސްޓަޑީޒް ގައި އަޅުގަނޑު ހޭދަކުރީމެވެ. އެމް.ބީ.ބީ.އެސް ނިންމުމަށް ފަހު 2003 ވަނަ އަހަރުގައި މާލެ އައިސް 2006 ވަނަ އަހަރާ ހަމަޔަށް އަޅުގަނޑު މަސައްކަތްކުރީ އައި.ޖީ.އެމް ހޮސްޕިޓަލް ގެ ސާރޖަރީ އަދި އެމަރޖެންސީ ޑިޕާރޓްމެންޓް ގައި މެޑިކަލް އޮފިސަރެއްގެ ގޮތުގައެވެ. އަދި 2006 އިން 2008 ވަނަ އަހަރާ ހަމަޔަށް އަޅުގަނޑު ހޭދަކުރީ ނޭޕާލް ގެ ކަތަމަންޑޫގައި ހުންނަ އިންސްޓިޓިއުޓް އޮފް މެޑިސިން އެންޑް ޕޯސްޓޮ ގްރެޖުއޭޓް ސްޓަޑީޒް، ތްރިބޫވަން ޔުނިވަރސިޓީ ގައި މާސްޓަރސް އިން ސަރޖަރީ ފުރިހަމަ ކުރުމުގައެވެ.

އެޑްވާންސް ލެޕަރޮސޮކޯޕީ ފަދަ އިތުރު ތަމްރީން ތައް ހޯދުމަށް އަވަށްޓެރި ގައުމްތަކުގައި އަޅުގަނޑު މަސައްކަތް ކޮށްފައި ވާނެއެވެ. އޭގެ ތެރޭގައި އިންޑިއާގެ ދިއްލީގައި ފެލޯ އޮފް މިނިމަލް އިންވޭސިވް ސަރޖަރީގެ ތަމްރީނެއް ހިމެނެއެވެ.

މާސްޓަރސް އިން ސަރޖަރީ ފުރިހަމަ ކުރުމަށް ފަހު 2008 އިން ފެށިގެން އައި.ޖީ.އެމް ހޮސްޕިޓަލް ގެ ސަރޖަރީ ޑިޕަރޓްމަންޓް ގައި ސީނިއަރ ރެޖިސްޓްރަރ އިން ސަރޖަރީ އެއްގެ މަގާމް ފުރުމަށް ފަހު 2013 ވަނަ އަހަރު ކޮންސަލްޓަންޓް އިން ސަރޖަރީ ގެ ވަޒީފާއަށް ކުރި އެރުމެއް ލިބުނެވެ. އަދި އޭގެ ފަހުން އެކްޓިން ހެޑް އަދި ހެޑް އޮފް ދަ ޑިޕަރޓްމެނޓް ގެ ވަޒީފާ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހާ ހަމަޔަށް އަޅުގަނޑު އަދާކުރީމެވެ.

އަޅުގަނޑަކީ މޯލްޑިވޮސް އެސޯސިއޭޝަން އޮފް ސަރޖަންސް ގެ އެއް ކޯފައުނޑަރ އެވެ. އަދި އެ އެސޯސިއޭޝަންގެ ފުރަތަމަ ދައުރުގެ ނައިބް ރައީސް ކަމުގެ މަގާމް އަޅުގަނޑު ފުރިހަމަ ކުރީމެވެ.

ކެންސަރ ސަރޖަރީ (އޮންކޮ ސަރޖަރީ) ގެ ރޮނގުން ތަމްރީން ހާސިލުކުރުމަށް ނެޝަނަލް ކެންސަރ އިންސްޓިޓިއުޓް އޮފް ސްރީލަންކާގައި 2015 ވަނައަހަރުގެ ޑިސެމްބަރ މަހުން ފެށިގެން ސީނިއަރ ކްލިނިކަލް ފެލޯ އިން އޮންކޮ ސަރޖަރީ ގެ މަގާމުގައި އަޅުގަނޑު މަސައްކަތް ކުރަމުން އައިސް ތަމްރީން ފުރިހަމަ ކުރުމަށްފަހު ރައްޖެއަށް އެނބުރި އައީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.

އަޅުގަނޑުގެ އުއްމީދަކީ ވީހާވެސް ގިނަ ދިވެހި ދަރީން ސިއްޙީ ދާއިރާއިން ތައުލީމު ހާސިލުކޮށް، އެނބުރި ރާއްޖެ އައުމަށްފަހު ދިވެހިރާއްޖޭގެ ސިއްޙީ ދާއިރާ އަށް ހިދުމަތްކުރުމުގައި ދެމިތިބުމެވެ. އަދި ދިވެހިން، ދިވެހި ޑޮކްޓަރުންނަށާއި ރާއްޖޭގެ ސިއްޙީ ދާއިރާ އަށް ކުރާ އިތުބާރު ދަމަހައްޓާ، މުޖުތަމައުގެ ދުޅަހެޔޮކަމަށް މަސައްކަތްކުރުމުގައި ދެމިތިބޭ ގިނަ ދިވެހި ޑޮކްޓަރުންތަކެއް ރާއްޖޭގައި އުފެދުމެވެ.

މާތް ﷲ އަޅުގަނޑުގެ މި މަސައްކަތުގައި ބަރަކާތް ލައްވާށި އެވެ.

“އާމީން”

މުޙައްމަދް ޝިފާން

ޖެނުއަރީ 2018