ކެންސަރުގެ ފަރުވާތަކުގެ ގެތެރެއިން
ފަރުވާއަށްވުރެ މުހިންމީ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވުން:
" ކެންސަރަކީ ދިރިއުޅުމުގެ ނިމުމެއް ނޫނެވެ. ބަލީގެ ފަރުވާ ކުރިއަށްދާއިރު، ބަލިމީހާގެ ނަފްސާނީ، ޖިސްމާނީ އަދި ރޫހާނީ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އަޅުގަނޑުމެންގެ އަމާޒަކަށް ވާންވީ ހަމައެކަނި ބަލިން މިންޖުވުމެއް ނޫނެވެ. އޭގެ ބަދަލުގައި، ކޮންމެ ދުވަހަކީވެސް މާނަހުރި، އުފާވެރި ދުވަހަކަށް ހެދުމެވެ."
ކެންސަރު ބަލީގެ ފަރުވާއަށް ވާހަކަދެކެވޭއިރު، ގިނަ ފަހަރަށް މުޅި ވިސްނުން ހުންނަނީ ބަލިން ސަލާމަތްވުމަށާއި (Cure)، ބަލި ފެތުރުން ހުއްޓުވުމަށެވެ. ނަމަވެސް، ޒަމާނީ އޮންކޮލޮޖީ ނުވަތަ ކެންސަރުގެ އިލްމުގައި މިހާރު އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދެވެނީ (Quality of Life) ނުވަތަ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށެވެ.
މިއީ ހަމައެކަނި ބަލިން ފަސޭހަވުމެއް ނޫނެވެ؛ މިއީ ބައްޔާއެކުވެސް އުފާވެރި، ހިތްހަމަޖެހޭ ދިރިއުޅުމެއް އުޅުމެވެ.
1. ފަރުވާއަކީ ހަމައެކަނި ބޭހެއް ނޫން
ކެންސަރުގެ ފަރުވާގެ ތެރެއިން ދެވޭ ކީމޯތެރަޕީ އާއި ރޭޑިއޭޝަންގެ ސަބަބުން ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. މި ބަދަލުތަކާއެކު ދިރިއުޅުމުގެ އުފާވެރިކަން ގެއްލުނަ ނުދިނުމަކީ "ސަޕޯޓިވް ކެއާ"، މައިގަނޑުފަރުވާގެ އިތުރުން ދެވޭއެހެނިހެން ފަރުވާގެ، ގެ މައިގަނޑު ބޭނުމެވެ. ވޭން ކަނޑުވާލުމާއި، ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަކީ ފަރުވާގެ އެންމެ މުހިންމު އެއް ލަނޑުދަޑިއެވެ.
"ކެންސަރު ބަލީގައި މުހިންމީ ހަމައެކަނި ދިރިއުޅުމަށް ދުވަސްތަކެއް އިތުރުކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި، އެ އިތުރުވާ ދުވަސްތަކަކީ އުފާވެރި އަދި މާނަހުރި ދުވަސްތަކަކަށް ހެދުމެވެ."
2. ނަފްސާނީ ހަނގުރާމަ: ހިތުގެ ދުޅަހެޔޮކަން
ކެންސަރު ބަލީގެ ޚަބަރު ލިބުމާއެކު ބަލިމީހާއަށާއި އާއިލާއަށް ކުރިމަތިވާ ނަފްސާނީ ބިރުވެރިކަމަކީ ބަލީގެ ތަދަށްވުރެ ބޮޑު ތަދެކެވެ. ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ކައުންސިލިންގ އާއި، ނަފްސާނީ އެހީތެރިކަން ބޭނުންވެއެވެ. ބަލިމީހާގެ ހިތްވަރު ގަދަވުމަކީ ބަލިން ފަސޭހަވުމަށް އެޅޭ އެންމެ ބޮޑު ބާރެވެ.
3. "ޕެލިއޭޓިވް ކެއާ": މިއީ އުއްމީދު ކަނޑާލުމެއް ނޫން
ގިނަ ބަޔަކަށް ހީވެފައި އޮންނަނީ ޕެލިއޭޓިވް ކެއާ (Palliative Care) އަކީ ބަލީގެ ފަހު މަރުހަލާގައި ދޭ އެހީއެއް ކަމަށެވެ. ނަމަވެސް މިއީ ކުށްހީއެކެވެ. ބަލި ދެނެގަނެވޭ ހިސާބުން ފެށިގެން މި ޚިދުމަތް ހޯދުމަކީ ބަލިމީހާގެ ދިރިއުޅުން އުޖާލާކޮށްދޭ ކަމެކެވެ.
މީގެ ތެރޭގައި:
• ތަދު ކޮންޓްރޯލްކުރުން: ބަލީގެ ސަބަބުން އަންނަ ރިހުންތަކަށް އެކަށީގެންވާ ފަރުވާ ދިނުން.
• ކެއިންބުއިމާއި ހަކަތަ: ހަށިގަނޑަށް ބޭނުންވާ މާއްދާތައް ހަމަކޮށް، ވަރުބަލިކަން ކުޑަކުރުން.
• އިޖުތިމާއީ ގުޅުން: އެކަހެރިވުމުގެ ބަދަލުގައި އާއިލާ އާއި ރައްޓެހިންނާއެކު ވަގުތު ހޭދަކުރުން.
4. އާއިލާގެ ދައުރު: ހިޔާވަހިކަމެއް ފަދަ އެހީތެރިކަން
ބަލިމީހާގެ ދިރިއުޅުމުގެ ފެންވަރު ދެމެހެއްޓުމުގައި އާއިލާގެ ދައުރު ނުހަނު ބޮޑެވެ. ބަލިމީހާއަށް އޯގާތެރިކަމާއެކު އަޅާލުމާއި، އޭނާގެ އިހުސާސްތައް އަޑުއެހުމަކީ އެއްވެސް ބޭހަކުން ނުލިބޭނެ ބޮޑު ޝިފާއެކެވެ. އާއިލާއިން ބަލިމީހާއަށް "ބަލިމީހެއްގެ" ލޭބަލް ޖެހުމުގެ ބަދަލުގައި، އާދައިގެ އިންސާނެއްގެ ގޮތުގައި މުއާމަލާތް ކުރުން މުހިންމެވެ.
5.ދީނީ ނަޒަރަކުން: އިމްތިހާނުގެ ތެރެއިން ރަހުމަތަށް އުއްމީދުކުރުން
ކެންސަރު ބަލީގެ ދަތުރަކީ ހަމައެކަނި ޖިސްމާނީ ހަނގުރާމައެއް ނޫނެވެ. އެއީ މުއުމިނަކަށް ކުރިމަތިވާ ބޮޑު އިމްތިހާނެކެވެ. އިސްލާމްދީން އަޅުގަނޑުމެންނަށް ދަސްކޮށްދެނީ ބައްޔަކީ ފާފަ ފުހިވި، ދަރަޖަ މަތިވެރިވާ ސަބަބެއް ކަމެވެ. ނަމަވެސް، މި އިމްތިހާނުގެ ތެރޭގައިވެސް އަމިއްލަ ނަފްސަށް އޯގާތެރިވުމާއި، ދިރިއުޅުމުގެ ކޮލިޓީ ދެމެހެއްޓުމަކީ ދީނީގޮތުން ބާރުއަޅުއްވާފައިވާ ކަމެކެވެ.
ކީރިތި ރަސޫލާ ﷺ ގެ ސުންނަތުން ފެންނަން އޮތީ ބަލިމީހާއަށް އުއްމީދު އާކޮށްދިނުމަށެވެ. އެކަލޭގެފާނު ހަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ: "ތިޔަބައިމީހުން ބަލިމީހެއްގެ ގާތަށް ޒިޔާރަތްކުރާނަމަ، އޭނާގެ އަޖަލާ މެދު (އުއްމީދު އާކޮށްދީ) ހިތްހަމަޖައްސައިދޭށެވެ." (ތިރްމިޛީ). މިއީ ބަލިމީހާގެ ނަފްސާނީ ދުޅަހެޔޮކަން ނުވަތަ "ކޮލިޓީ އޮފް ލައިފް" މަތިކުރުމަށް ދީފައިވާ އެންމެ މަތިވެރި އިރުޝާދެވެ.
އެހެންކަމުން، ފަރުވާގެ ހުރިހާ މަރުހަލާއެއްގައިވެސް ﷲ ގެ ރަހުމަތުން އުއްމީދު ކަނޑާނުލައި، ކެތްތެރިކަމާއެކު އުފާވެރި ވަގުތުތައް ހޯދުމަކީ އަޅުކަމެކެވެ.
ބަލިން ފަސޭހަވުން އޮތީ އެކަލާނގެ އަތްޕުޅުގައެވެ. އަޅުގަނޑުމެންގެ މަސްއޫލިއްޔަތަކީ އެކަލާނގެ ދެއްވި ހަށިގަނޑަށް އޯގާތެރިވެ، ވޭން ކުޑަކޮށް، ހިތްހަމަޖެހުމާއެކު ދިރިއުޅުމުގެ ދުވަސްތައް ހޭދަކުރުމެވެ.
References:
1. World Health Organization (WHO) - Palliative Care and Quality of Life.
2. American Society of Clinical Oncology (ASCO) - Integration of Palliative Care into Standard Oncology Care.
3. Journal of Clinical Oncology - Impact of early palliative care on patient outcomes.