ކެންސަރު ބަލީގެ އޮޕަރޭޝަން ޑޮކްޓަރެއްގެ ތަޖުރިބާތަކުން.. ދަސްވިކަންކަން.
ޑރ. މުޙައްމަދް ޝިފާން
4ފެބްރުއަރީ 2026
ފެށުނު ގޮތް..
އަހަރުތަކެއް ވަންދެން އަޅުގަނޑު ގަބޫލުކޮށްގެން ހުރީ ކެންސަރު ބައްޔަކީ ކޮބައިކަން އަޅުގަނޑަށް ވަރަށް ރަނގަޅަށް އޮޅުންފިލާފައިވާ ކަމަށެވެ. އަޅުގަނޑު އެ ބަލި ދިރާސާކޮށް، ދެނެގަނެ، ބަލިމީހުންނަށް ފަރުވާދީ، ސައިންސާއި ފަރުވާތެރިކަމާއެކު އެ ބައްޔާ ދެކޮޅަށް މަސައްކަތް ކުރީމެވެ. ކެންސަރބަލީގެ ހާއްސައޮޕަރޭޝަން ތަކުގެ ތަމްރީންލިބިފައި ވާ ފަރުދެއްގެ ހައިސިއްޔަތުން، އަޅުގަނޑު ތަމްރީނު ދީފައިވަނީ ނަފްސު ކޮންޓްރޯލްކުރާ، ހަރުދަނާ، އަދި ގޮތް ނިންމަން ކެރޭ މީހަކަށް ވުމަށެވެ. އަޅުގަނޑު އަބަދުވެސް ހުރީ ބަލި ފަސޭހަކުރުމާއި ބަލި ކޮންޓްރޯލް ކުރުމުގެ އަޒުމުގައެވެ. ނަމަވެސް، ދިރިއުޅުމުގެ އެންމެ ފުން އަދި މުހިންމު ފިލާވަޅުތައް އަޅުގަނޑަށް ދަސްވީ ކިޔަވާ ފޮތްތަކުން ނުވަތަ އޮޕަރޭޝަން ތިއޭޓަރުތަކަކުން ނެއް ނޫނެވެ. އެ ފިލާވަޅުތައް އަޅުގަނޑަށް އުނގަންނައިދިނީ އަޅުގަނޑުގެ ބަލިމީހުންނެވެ. ކެންސަރު ބަލީގެ ޒަރީއާއިން، ދިރިއުޅެންވީ ގޮތް އެމީހުން އަހަންނަށް ދަސްކޮށްދިނެވެ.
ކޮންމެ ދުވަހަކުވެސް އަޅުގަނޑާ ބައްދަލުވަނީ އެމީހުންގެ ހަޔާތުގެ އެންމެ ނާޒުކު ވަގުތުތައް ގުނަމުންދާ މީހުންނާއެވެ. އެމީހުން ކްލިނިކަށް އަންނަނީ ހިތުގައި ބިރުވެރިކަމާއި، އުންމީދާއި، އަދި ހިތުގެ އަޑީގެ ދުއާތަކާއެކުގައެވެ. ބައެއް މީހުން އަންނަނީ ބަލީގެ ކުރީކޮޅުގައެވެ. އެމީހުންގެ މޫނުމަތިން ފެންނަނީ ޔަގީންކަމުގެ ހިނިތުންވުމެކެވެ. އަނެއްބަޔަކު އަންނަނީ ބަލި ބޮޑުވެ، އަހަން ބިރުގަންނަ އެތައް ސުވާލަކުން ދެލޯ ފުރިފައިވާ ހާލުގައެވެ. މުސްތަގުބަލާ މެދު އޮތް ނޭނގުންތެރިކަމާ އެމީހުން ކުރިމަތިލާ ކެތްތެރިކަމާއި ގަދަރުވެރިކަން ފެނުމުން، "ހިތްވަރު" މި ބަހުގެ މާނަ އަޅުގަނޑަށް އަލުން އޮޅުންފިލިއެވެ. ހަގީގީ ހިތްވަރަކީ ހަމައެކަނި ބިރުނުގަތުމެއް ނޫންކަން އަޅުގަނޑަށް އިހުސާސް ކުރެވުނެވެ. އެއީ ކުރިއަށް އޮތް މަގު ކިތަންމެ އަނދިރި ނަމަވެސް، މާތް ﷲ އަށް ފުރިހަމައަށް ވަކީލުކުރުމަށް ނިންމާ ނިންމުމެކެވެ.
ލިބުނީ ކޮންފިލާވަޅެއް، އައި ކޮންބަދަލެއް؟
އަޅުގަނޑުގެ ބަލިމީހުންގެ ތެރެއިން ބައެއް މީހުންނަކީ، އިންތިހާ ދަރަޖައިގެ ވޭނުގައި އުޅޭއިރުވެސް، ނަމާދަކަށް ފަރުވާކުޑަނުކުރާ މީހުންނެވެ. ކީމޯތެރަޕީ ފެށުމުގެ ކުރިން، މަޑުމަޑުން "حَسْبِيَ اللَّهُ لَا إِلَهَ إِلَّا هُوَ" އޭ ކިޔައި، ރޫރޫއަޅާ އަތްތަކަކުން ދުޢާކުރަން ތިބޭ މަންޒަރު އަޅުގަނޑު ދެކުނީމެވެ. އެފަދަ ނުރައްކާތެރި ތޫފާނެއްގެ ތެރޭގައިވެސް އެބޭފުޅުންގެ އީމާންތެރިކަން ސާބިތުކަމާއެކު ހުރި މިންވަރުން، އަޅުގަނޑުގެ އަމިއްލަ ނަފްސުގައި ފޮރުވިފައި ހުރި އެތައް ޒަޚަމެއް ފަސޭހަވެގެންދިޔައެވެ. އެބޭފުޅުން ދެއްކެވި ކެތްތެރިކަމުން (ޞަބުރުން) އަޅުގަނޑަށް ދަސްވީ، މެޑިކަލް ދާއިރާއިން ކިތަންމެ މަތީ ފާހެއް ނެގިޔަސް ދަސްނުވާނެފަދަ ވަރުގަދަ އަޒުމަކާއި ހިތްވަރެކެވެ.
ކެންސަރު ބަލީގެ ސަބަބުން، ވަގުތުގެ އަގުވަޒަންކުރަންޖެހޭ ގޮތްވެސް އަޅުގަނޑަށް މުޅިން ބަދަލުވެގެންދިޔައެވެ. އޮޕަރޭޝަން ތިއޭޓަރުގައި ކޮންމެ މިނެޓަކީ މުހިންމު އެއްޗެކެވެ. ނަމަވެސް، ޢާންމު ދިރިއުޅުމުގައި މުހިންމީ އެއަށްވުރެ މާ އަގުބޮޑު ކުޑަ ހިނދުކޮޅުތަކެކެވެ. މިއަދުގެ އަގު ވަޒަންކުރަން އަޅުގަނޑަށް ދަސްކޮށްދިނީ އެ ބަލިމީހުންނެވެ. އެހެންމީހުންނަށް ހެޔޮބަސް ބުނުމަށާއި، ކަނުލައި އަޑުއެހުމަށާއި، މަޑުޖެހިލައި ފިކުރުކުރުމުގެ މުހިންމުކަން އެމީހުން އަޅުގަނޑަށް ބުނެދިނެވެ. އިސްލާމްދީން އަޅުގަނޑުމެންނަށް އުނގަންނައިދެނީ ދުނިޔެއަކީ ވަގުތީ ތަނެއްކަމާއި، މިއީ އަމާނާތެއް ކަމެވެ. ދުނިޔޭގެ އެދުންތަކުގެ މައްޗަށް މާފުކުރުމާއި، ޢާއިލާ އަދި އީމާންތެރިކަން އިސްކުރާ މަންޒަރު ފެނުމުން، ކާމިޔާބީއަކީ ދިރިއުޅުނު އަހަރުތަކެއް ނޫންކަމާއި، އެއީ ތިމާގެ ސަބަބުން އެހެން މީހުންގެ ހިތްތަކަށް ލިބުނު ހިތްހަމަޖެހުމާއި، ތިމާގެ ނިޔަތުގެ ސާފުކަންކަން އަޅުގަނޑަށް ޔަޤީންވިއެވެ.
ކެންސަރގެ އޮޕަރޭޝަން ޑޮކްޓަރެއްގެ ހައިސިއްޔަތުން، ގިނަ ފަހަރަށް އަޅުގަނޑަށް ޖެހެނީ ހިތްދަތި ޚަބަރުތައް ދޭށެވެ. ނަމަވެސް، ރަޙުމާއި އޯގާތެރިކަމާއެކު ބުނެދޭ ޙަޤީޤަތަކީ، ބަލިމީހާއަށް އެކަން ބަލައިގަންނަން މާ ފަސޭހަވާނެ ކަމެއްކަން އަޅުގަނޑަށް ތަޖުރިބާކުރެވުނެވެ. އަޅުގަނޑުމެންގެ މާތް ނަބިއްޔާ ﷺ އަކީ އެންމެ ދަތި އުނދަގޫ ވަގުތުތަކުގައިވެސް އޯގާތެރިކަން އިސްކުރެއްވި ބޭކަލެކެވެ. އެކަލޭގެފާނުގެ އެ އޯގާތެރިކަމަކީ މިއަދު އަޅުގަނޑުގެ މަސައްކަތުގައި ހުރި އެންމެ ބޮޑު ނަމޫނާއެވެ. ކެންސަރު ބަލީގެ ސަބަބުން އަޅުގަނޑަށް އެނގުނު އެންމެ ބޮޑު އެއް ކަމަކީ، ބަލިމީހާގެ ކައިރީގައި ހޭދަކުރާވަގުތާއި، ތެދުވެރިވުމާއި، އޯގާތެރިވުމަކީ ބައެއް ފަހަރު އަޅުގަނޑަށް ދެވޭ އެހެން ހުރިހާ ފަރުވާތަކަށްވުރެ ބާރުގަދަ އެއްޗެއް ކަމެވެ.
ޝަކުވާކުރާނެ އެތައް ސަބަބެއް ހުރި އިރުވެސް، ޝުކުރުވެރިވުން އިސްކުރާ މީހުންގެ ފަރާތުން "ޝުކުރުވެރިވުމުގެ" މާނަވެސް އަޅުގަނޑަށް އޮޅުންފިލައިފިއެވެ. "އާދައިގެ ހަމަޖެހޭ އެންމެ ދުވަހަކަށް" ޓަކައި މާތް ﷲ އަށް ޝުކުރުވެރިވާ ބަލިމީހުންގެ ސަބަބުން، އަޅުގަނޑުގެ އަމިއްލަ ދިރިއުޅުމާމެދު ދެކޭގޮތް ބަދަލުވިއެވެ. "ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ" (94:6) މި އާޔަތުގެ މާނަ އަޅުގަނޑަށް އިޙްސާސްކޮށްދިނެވެ. ބަލިމަޑުކަމުގެ ތެރޭގައިވެސް، ލޯތްބާއި، އީމާންތެރިކަމާއި، މާތް ﷲ އަށް ކުށްތަންވުމުގެ ތެރެއިން ފަސޭހަކަން ލިބިގެންވެއެވެ.
ކެންސަރު ބަލީގެ ތެރެއިން އަޅުގަނޑަށް ލިބުނު އެންމެ މަތިވެރި ފިލާވަޅަކީ ދިރިއުޅުމުގެ މަޤްޞަދެވެ.
ބޭސްވެރިކަމަކީ ހަމައެކަނި ވަޒީފާއެއް ނޫނެވެ. އެއީ ހެޔޮ ނިޔަތަކާއެކު ކުރެވޭނަމަ މަތިވެރި އަޅުކަމެއް އަދި ޚިދުމަތެކެވެ. ކޮންމެ ބަލިމީހަކީވެސް އަމާނާތެކެވެ. އަޅުގަނޑު ނިންމާ ކޮންމެ ނިންމުމަކީ ހަމައެކަނި މި ދުނިޔެއަކަށް ނޫން، އާޚިރަތަށްވެސް އޭގެ ބުރަދަން ހުންނާނެ ކަންކަމެވެ. ކެންސަރުގެ ސަބަބުން އަޅުގަނޑަށް ދަސްވީ އަތުން އޮޕަރޭޝަން ކުރި ނަމަވެސް، ހިތުން ޝިފާދިނުމަށާއި، މި ދެކަމުގައިވެސް މާތް ﷲ އަށް ވަކީލުކުރުމަށެވެ.
މިއަދު އަޅުގަނޑު ކެންސަރާ ދޭތެރޭ ދެކެނީ ހަމައެކަނި އޭގެމައްޗައް ކާމިޔާބު ހޯދަންޖެހޭ ބައްޔެއްގެ ގޮތުގައެއް ނޫނެވެ. އެއީ ވަރަށް ހަރުކަށި ނަމަވެސް، އިންސާނާގެ ދިރިއުޅުން މުޅިން ބަދަލުކޮށްލާފަދަ މުދައްރިސެއްގެ ގޮތުގައެވެ. އެ ބަލީގެ ސަބަބުން، ބަލިމީހުންނަށް ދިރިއުޅުމުގެ ފުންމިނާއި އީމާންތެރިކަން ދަސްވެގެންދާއިރު، ކެންސަރގެ ހާއްސަ އޮޕަރޭޝަންގެ ޑޮކްޓަރަށް ދަސްވަނީ މަޑުމޮޅިކަމާއި، ރަޙުމާއި، އަދި ސާފު މަޤްޞަދަކާއެކު މަސައްކަތް ކުރުމަށެވެ.
ކެންސަރު ބަލީގެ ތެރެއިން އަޅުގަނޑަށް ދަސްވީ ދިރިއުޅޭނެ ގޮތެވެ. އެއީ މާތް ﷲ އަށް ފުރިހަމައަށް ވަކީލުކުރުމާއި، އިޚްލާޞްތެރިކަމާއެކު ޚިދުމަތްކުރުމާއި، ކޮންމެ ހިނދުކޮޅެއްގެ އަގުވަޒަންކުރުމެވެ. އަދި އަޅުގަނޑުމެން ހަށިގަނޑަށް ފަރުވާކުރި ކަމުގައިވިޔަސް، ހިތްތަކާއި ފުރާނައަށް ޝިފާދެއްވާ ފަރާތަކީ ހަމައެކަނި މާތް ﷲ ކަން ހަނދާންކުރުމެވެ.
ނޯޓް:
މި ފިކުރުތަކާއި ޚިޔާލުތަކަކީ، އެންމެ ބޮޑު ނިކަމެތިކަމާއި ހާސްކަމުގެ ވަގުތުތަކުގައި، އެމީހުންގެ ހަޔާތުން އަޅުގަނޑަށް ޖާގަދިން ކޮންމެ ބަލިމީހަކަށާއި އެމީހުންގެ އާއިލާތަކަށް ލޯތްބާއެކު ކުރާ ހަދިޔާއެކެވެ.
ގޮތްނޭނގޭ ބިރުވެރިކަމުގެ ތެރޭގައި ތިޔަބޭފުޅުން ދެއްކެވި ހިތްވަރާއި، ތަހައްމަލުކުރެއްވި ކެތްތެރިކަމާއި، ﷲގެ މައްޗަށް ބޭއްވެވި ފުރިހަމަ އިތުބާރަކީ އަޅުގަނޑަށް ލިބުނު އެންމެ ބޮޑު ފިލާވަޅުތަކެވެ.
ތިޔަބޭފުޅުންގެ އެ ތަޖުރިބާތަކުގެ ތެރެއިން، ބޭސްވެރިކަމުގެ އިލްމަށްވުރެ ފުން އޯގާތެރިކަމަކާއި، ދަސްކޮށްފައިވާ އުކުޅުތަކަށްވުރެ މާތް މަޑުމޮޅިކަމަކާއި، އަދި ހަމައެކަނި ވަޒީފާއަކަށްވުރެ މާ މަތިވެރި މަޤްޞަދެއް ދިރިއުޅުމުގައި އޮތްކަން އަޅުގަނޑަށް ދަސްވިއެވެ.
އެއްވެސް އެދުމެއްނެތި ތިޔަބޭފުޅުން އަޅުގަނޑަށް އުނގަންނައިދެއްވި ކަންތައްތަކަށްޓަކައި ﷲ ހެޔޮ ޖަޒާ ދެއްވާށިއެވެ. އަދި ތިޔަބޭފުޅުންގެ ފަރާތުން އަސަރުކުރި ކޮންމެ މީހަކީ،އޭގެ ތެރޭގައި އަޅުގަނޑުވެސް ހިމެނޭހެން،ތިޔަބޭފުޅުންގެ ހިތްވަރާއި މާތްކަމުގެ ދިރިހުރި ހެއްކަކަށް ލައްވާށިއެވެ.
آمين