ވޭޕިންގގެ ފޮރުވިފައިވާ ނުރައްކާތައް: މިކަން މަނާކުރަންވީ ސަބަބު
ފާއިތުވި ދިހަ އަހަރުގެ ތެރޭގައި، އިލެކްޓްރޯނިކް ސިނގިރޭޓް (އީ-ސިނގިރޭޓް ނުވަތަ "ވޭޕްސް") ވަނީ އާންމު ސިނގިރޭޓަށް ބަދަލެއްގެ ގޮތުގައި މަޤްބޫލުވެފައެވެ. "އެންމެ ރައްކާތެރި ގޮތް" ކަމަށް ޕްރޮމޯޓްކުރެވިފައިވާ މި އާލާތްތައް ވަނީ ޚާއްޞަކޮށް ޒުވާނުންނާއި ޅަފުރައިގެ ކުދިންގެ މެދުގައި ވަރަށް ބޮޑަށް ފެތުރިފައެވެ. ނަމަވެސް، އިތުރުވަމުންދާ ސައިންޓިފިކް ހެކިތަކުން ދައްކާގޮތުގައި ވޭޕިންގ އަކީ ނިކޮޓިން އެޑިކްޝަން، ނޭވާލުމުގެ ނިޒާމާއި ހިތުގެ ސިއްޙަތަށް ލިބޭ ގެއްލުން، އަދި ކެންސަރު ޖެހުމުގެ ފުރުސަތު އޮތް ކަމެއްކަމަށް ދައްކައެވެ. މިއީ ގެއްލުމެއް ނެތް ކަމެއްގެ ބަދަލުގައި، ވޭޕިންގ އަކީ ދުންފަތުގެ އިސްތިޢުމާލު ކޮންޓްރޯލްކުރުމަށް އެތައް އަހަރެއް ވަންދެން ކުރެވިފައިވާ މަސައްކަތްތަކަށް ހުރަސްއެޅޭ ކަމެކެވެ. މިކަމުން ދޭހަވަނީ މިކަން ހަރުކަށި ގަވާއިދުތަކެއްގެ ދަށުން ބެލެހެއްޓުން ނުވަތަ މުޅިން މަނާކުރުމަކީ މުހިންމު ކަމެއްކަމެވެ.
ދިވެހިރާއްޖެއާ ގުޅުންހުރި މައުލޫމާތާއި،
ޒުވާނުންނާއި ބޮޑެތި މީހުންގެ ތެރޭގައި ދުންފަތުގެ އިސްތިޢުމާލުކުރުމާއި ވެޕްކުރުން
ޒުވާނުން (13-15 އަހަރު)ގެ މައުލޫމާތު
މަރުވާ މީހުންގެ އަދަދު
ވޭޕިންގ ގެ ސަބަބުން ސިއްހަތަށް ދިމާވެދާނެ ނުރައްކާތައް
ނިކޮޓިން އަށް ދެވިހިފުން ގިނަ އީ-ސިގިރޭޓްތަކުގައި ހިމެނެނީ ނިކޮޓިން އެވެ. މިއީ ދެވިހިފާ މާއްދާއެކެވެ. އަދި މިއީ ޒުވާނުންގެ ސިކުނޑީގެ ތަރައްޤީއަށް ނޭދެވޭ އަސަރުކުރާ، ހަނދާން ބަލިކޮށް، އުނގެނުމަށް ދަތިކޮށް އަދި އަމިއްލަ ކޮންޓްރޯލް ގެއްލުވާލާ މާާއްދާއެކެވެ (ޔޫ.އެސް. ސީ.ޑީ.ސީ، 2024). ބައެއް މަޝްހޫރު ބްރޭންޑްތަކުގެ އެންމެ ޕޮޑެއްގައި ވެސް 20 ސިގިރޭޓުގައި ހުންނަ މިންވަރަށް ނިކޮޓިން ހިމެނެއެވެ. މިއީ އަވަހަށް ދެވިހިފުމަށް މަގުފަހިކުރާ ކަމެކެވެ (ޓްރޫތު އިނިޝިއޭޓިވް، 2022). އީ-ސިގިރޭޓުން އަލަށް ފަށާ ޒުވާނުން އާންމު ސިގިރޭޓަށް ބަދަލުވުމުގެ ފުރުސަތު ބޮޑެވެ (ސޮނެޖީ އެޓް އަލް، 2017).
ނޭވާލާ ނިޒާމާއި ހިތުގެ ސިއްހަތަށް ލިބޭ ގެއްލުން ވޭޕިންގ އެރޮސޯލްތަކުގައި ޕްރޮޕިލީން ގްލައިކޯލް، ގްލިސެރޯލް، ފޯމަލްޑިހައިޑް އަދި އެކްރޮލީން ފަދަ ވިހަ މާއްދާތައް ހިމެނެއެވެ. މިއީ ފުއްޕާމޭ މަސައްކަތް ކުރާމިންވަރު ދައްކޮށް، ނޭވާހިއްލުމާ، އިންފްލަމޭޝަން އުފެދުމަށް މަގުފަހިކުރާ މާއްދާތަކެކެވެ (ނެޝަނަލް އެކެޑަމީސް އޮފް ސައިންސަސް، އިންޖިނިއަރިންގ އެންޑް މެޑިސިން [ނާސެމް]، 2018). އާދައިގެ މަތިން ބޭނުންކުރުމުން "ކްރޮނިކް ބްރޮންކައިޓިސްގެ" އަލާމާތްތައް ފެނި، ނޭވާ ހިއްލ ހާލަތު ގޯސްވެ، އަދި ފުއްޕާމޭގެ މަސައްކަތަށް ބުރޫއަރައެވެ (ގޮޓްސް އެޓް އަލް، 2019). މީގެ އިތުރުން، އަލްޓްރާފައިން ޕާޓިކަލްސްތަކާއި ނިކަލް އަދި ލެޑް ފަދަ ބަރު މަޢުދަނުތަކަށް ހާމަވުމުން ހިތުގެ ބަލިތަކަށް ހުށަހެޅުމުގެ ފުރުސަތު އިތުރުވެއެވެ (ބެނޮވިޓްޒް އެންޑް ފްރައިމަން، 2017).
އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕިންގ އާ ގުޅުންހުރި ފުއްޕާމޭގެ ގެއްލުން (އީވަލީ)
2019 ވަނަ އަހަރު ފެތުރުނު އީވަލީގެ(އީ ސިގަރެޓް ނޫނީ ވޭޕިން އެސޯސިއޭޓަޑް ލަނގް އިނޖަރީ) ބަލިމަޑުކަމުން ވޭޕިންގގެ ސަބަބުން ކުރިމަތިވާ ނުރައްކާތެރި ނަތީޖާތައް ފާހަގަކޮށްދިނެވެ. 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހާ ހަމައަށް، އެމެރިކާގައި ވޭޕިންގ އާ ގުޅުންހުރި 2،800 އަށްވުރެ ގިނަ މީހުން ހޮސްޕިޓަލްގައި އެޑްމިޓްކުރެވި، 68 މަރު ކަށަވަރުކުރެވިފައިވެއެވެ (ޔޫ.އެސް. ސީ.ޑީ.ސީ، 2020). ، މި ހާދިސާއިން ދައްކުވައިދިނީ ވާފުކޮށްފައިވާ ކެމިކަލްތައް ނޭވާލުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތެރި އަދި މަރުވުމަށް މަގުފަހިވެދާނެ ނަތީޖާތަކެވެ.
ކެންސަރުގެ ނުރައްކާ
ރައްކާތެރި ބަދަލެއްގެ ގޮތުގައި މާކެޓްކުރެވުނު ނަމަވެސް، ވޭޕިންގ އަކީ ކެންސަރުގެ ނުރައްކާ ކުޑަކޮށްދޭ އެއްޗެއް ނޫނެވެ. އީ-ލިކުއިޑްތައް ހޫނުކުރުމުގެ ސަބަބުން ފޯމަލްޑިހައިޑް އަދި އެސެޓަލްޑިހައިޑް ފަދަ ކެންސަރު އުފެއްދުމަށް މަގުފަހިވާ މާއްދާތައް އުފެދެއެވެ (އައި.އޭ.އާރް.ސީ، 2020).
ޖަނަވާރުންގެ މައްޗަށް ކުރެވުނު ދިރާސާތަކުންނާއި އިންސާނުންގެ މައްޗަށް ކުރެވުނު އިބްތިދާއީ ދިރާސާތަކުން ދައްކާގޮތުގައި، ދިގު މުއްދަތަކަށް މިފަދަ މާއްދާތަކަށް ބޭނުން ކުރުމުގެ ސަބަބުން ފުއްޕާމޭ، ބްލެޑަރ އަދި އަނގައިގެ ކެންސަރު ޖެހުމުގެ ނުރައްކާ އިތުރުވެދާނެއެވެ (ގްރާނާ އެޓް އަލް، 2014).
އިޖްތިމާޢީ އަދި ޢާންމު ޞިއްޙަތާ ގުޅޭ ކަންބޮޑުވުންތައް
ޒުވާނުންނަށް އަމާޒުކުރުމާއި ؛
މޭވާގެ ރަހަ، ބަބަލްގަމް، އަދި ކޮޓަން ކެންޑީފަދަ ރަހަ އެކުލެވޭ އުފެއްދުންތައް ފަރުމާކުރެރެވިފައިވަނީ ޒުވާނުންނަށް ޖާޒުބާތުގަޖެއްސުމަށެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ރިޕޯޓުކުރާ ގޮތުގައި ދުނިޔޭގައި 37 މިލިއަނަށްވުރެ ގިނަ މީހުން އިލެކްޓްރޯނިކް ސިގިރެޓް ބޭނުންކުރެއެވެ. އަދި އެންމެ ހަލުވިކޮށް އިތުރުވަމުންދާ ބޭނުންކުރާ ގްރޫޕަކީ ޒުވާނުންނެވެ (ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، 2023).
ޒުވާނުންގެ މެދުގައި ވޭޕިންގ އިތުރުވަމުން ދިއުމުންުމުން ނިކޮޓިން ބޭނުންކުރުން ޢާންމުވެ، ޒުވާނުންގެ މެދުގައި ދުންފަތުގެ އިސްތިޢުމާލު ކުރާ މިންވަރު ދަށްވަމުން އައި މިންވަރު އަނބުރާ އިތުރުވުމުގެ ބިރު އެބައޮތެވެ.
ސެކަންޑް ހޭނޑް އެކްސްޕޯސަރ
ބޭރުކުރެވޭ އެއަރޮސޯލްގައި ނިކޮޓިން، ވޮލެެޓައިލް އޯގަނިކް ކޮމްޕައުންޑްސް، އަދި ޕާޓިކިއުލޭޓް މެޓަރ ހިމެނެއެވެ. މިއީ ކައިރީގައި ތިބޭ މީހުންނަށް ނުރައްކާތެރި އެއްޗެކެވެ (ނެޝަނަލް އެކެޑަމީސް އޮފް ސައިންސަސް، އިންޖިނިއަރިންގ، އެންޑް މެޑިސިން، 2018). ދިގު މުއްދަތުގެ ދިރާސާތައް މަދުކަމުގައި ވީނަމަވެސް، މިފަދަ ތަކެތީގެ ބޭނުންނުކުރާމީހުންނަށް، ނުރައްކާތެރިކަން ޕެސިވް ސްމޯކިންގގެ ނުރައްކާތެރިކަމާ އެއްގޮތްވެދާނެއެވެ.
ރައްކާތެރިކަމާމެދު އޮޅުންއަރާފައިވުން:
އިލެކްޓްރޯނިކް ސިގިރެޓަކީ ގެއްލުމެއް ނެތް އެއްޗެއްކަމަށް ގިނަ ފަހަރަށް ދެކެވެއެވެ. މިއީ އުފެއްދުންތެރިން ވަރަށް ބޮޑަށް ކުރިއަރުވާ ވާހަކައެކެވެ. ރައްކާތެރިކަމާމެދު މި ދެކެވޭ ދޮގު ވާހަކައިން ޒުވާނުންގެ މެދުގައި މިކަން ތަޖުރިބާކުރުމަށް ހިތްވަރުދޭ އަދި ދުންފަތުގެ އިސްތިޢުމާލު ހުއްޓާލުމަށް ކުރެވޭ މަސައްކަތްތަކަށް ހުރަސްއެޅެއެވެ (ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، 2023).
ފަހުބަސް
ވޭޕްކުރުމަކީ، ޚާއްޞަކޮށް ޒުވާނުންނަށް، ވަރަށް ބޮޑެތި ޞިއްޙީ ނުރައްކާތަކެއް ކުރިމަތިކުރުވާ ކަމެކެވެ. ދިވެހިރާއްޖޭގައި ކުޑަކުދިންގެ މެދުގައި ދުންފަތުގެ އިސްތިޢުމާލު ކުރާ މިންވަރު މަތިވުމާއި، ދުންފަތުގެ ސަބަބުން މަރުވާ މީހުންގެ އަދަދު ގިނަވުމާއި، އަދި ވޭޕިންގ ވަސީލަތްތައް ބޭނުންކުރާ މިންވަރު އިތުރުވަމުން ދިއުމުގެ ސަބަބުން، ވަގުތުން ފިޔަވަޅު އަޅަން ޖެހުނެވެ. 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ވޭޕިންގ ވަސީލަތްތައް - އޭގެ ތެރޭގައި އެތެރެކުރުމާއި، ވިއްކުމާއި، ބޭނުންކުރުމާއި، އިޝްތިހާރުކުރުމާއި، އަދި ބެހުން ހިމެނޭގޮތަށް - މަނާކުރުމަކީ ހެކިތަކާއި ދިވެހިރާއްޖެއާ ގުޅޭ މަޢުލޫމާތުތަކުގެ އަލީގައި ވަރަށް ބޮޑަށް ޖަވާބުދާރީވެވޭ ކަމެކެވެ.ޝުކުރު ހައްގު ފިޔަވަޅެއްވެސްމެއެވެ.ރަނގަޅު މަގުގައި އެޅުނު އެންމެ މުހިއްމު ފިޔަވަޅުކަމުގައި އަޅުގަނޑުދެކެމެވެ.
އަދި މިފަދަ ފިޔަވަޅެއް މަނާކުރުން ކާމިޔާބުވުމަށްޓަކައި، މިކަމާއެކު ވަރުގަދަ ޢާންމު ޞިއްޙަތުގެ ޕްރޮގްރާމްތަކެއް ހިންގަންވާނެއެވެ: މިފަދަ ވަސީލަތްތައް ބޭނުންކުރާ މީހުންނަށް ހުއްޓާލުމަށް އެހީތެރިވުމާއި، ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކާއި، ހަރުކަށި ގަވާއިދު ތަންފީޛުކުރުމާއި، އަދި ވަގުތު ފާއިތުވަމުންދާއިރު މީގެ އަސަރު ވަޒަންކުރުމަށް ބެލެހެއްޓެނިވި މިންގަނޑުތަކެއް ހިމެނުމެވެ. ހަމައެކަނި މިފަދަ ޖުމްލަ އެޕްރޯޗެއް ގެންގުޅެގެން، ދިވެހިރާއްޖެއަށް އޭގެ ޒުވާނުން ރައްކާތެރިކޮށް، ދުންފަތާ ގުޅުންހުރި ބަލިތަކުގެ ބުރަ ލުއިކުރެވޭނެއެވެ.
• Benowitz, N. L., & Fraiman, J. B. (2017). Cardiovascular effects of electronic cigarettes. Nature Reviews Cardiology, 14(8), 447–456.
• Centers for Disease Control and Prevention (CDC). (2020). Outbreak of Lung Injury Associated with the Use of E-Cigarette, or Vaping, Products. Retrieved from: https://www.cdc.gov/tobacco
• Centers for Disease Control and Prevention (CDC). (2024). Quick Facts on the Risks of E-cigarettes. Retrieved from: https://www.cdc.gov
• Gotts, J. E., Jordt, S. E., McConnell, R., & Tarran, R. (2019). What are the respiratory effects of e-cigarettes? BMJ, 366, l5275.
• Grana, R., Benowitz, N., & Glantz, S. A. (2014). E-cigarettes: A scientific review. Circulation, 129(19), 1972–1986.
• International Agency for Research on Cancer (IARC). (2020). List of Classifications by Cancer Sites with Sufficient or Limited Evidence in Humans. Lyon: WHO Press.
• National Academies of Sciences, Engineering, and Medicine (NASEM). (2018). Public Health Consequences of E-Cigarettes. Washington, DC: The National Academies Press.
• Soneji, S., Barrington-Trimis, J. L., Wills, T. A., et al. (2017). Association between initial use of e-cigarettes and subsequent cigarette smoking among adolescents and young adults. JAMA Pediatrics, 171(8), 788–797.
• Truth Initiative. (2022). E-cigarettes: Facts, stats and regulations. Retrieved from: https://truthinitiative.org
• World Health Organization (WHO). (2023). WHO Report on the Global Tobacco Epidemic. Geneva: WHO.