އަނގައިގެ ސާފުތާހިރުކަމާއި ޤަވާއިދުން ދަތުގެ ޑޮކްޓަރަށް ދެއްކުމުގެ މުހިންމުކަން
ޑރ.މުހައްމަދް ޝިފާން
އަނގައިގެ ސާފުތާހިރުކަމަކީ ހަމައެކަނި "އަލިގަދަ" ހިނިތުންވުމަ ކަށްވުރެމާ މުހިންމު ކަމެކެވެ. އެއީ މުޅި ހަށިގަނޑުގެ ސިއްޙަތާއި، ދުޅަހެޔޮކަމާއި، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ. ގޭގައި ރަނގަޅު އާދަތައް އަށަގެންނެވުމާއެކު، ޤަވާއިދުން ދަތުގެ ޑޮކްޓަރަށް ދެއްކުމުން ބޮޑެތި މައްސަލަތައް ދިމާވުން ހުއްޓުވައި، ފައިސާ ސަލާމަތްކޮށް، އަދި ހަށިގަނޑުގެ އެހެނިހެން ބަލިތަކުން ރައްކާތެރިވެވިދާނެއެވެ. ތިރީގައި މިވަނީ އަނގައިގެ ސިއްޙަތު ބެލެހެއްޓުން އެއީ އަމިއްލަ ފަރުދުންނާއި، ޢާއިލާތަކާއި، އަދި މުޖުތަމަޢުތަކުގެ އިސްކަންދޭންޖެހޭ ކަމަކަށް ވާންޖެހޭ މައިގަނޑު ސަބަބުތަކެވެ.
އަނގައިގެ ސާފުތާހިރުކަމަކީ ކޮބައިކަމާއި އޭގެ މުހިންމުކަން
އަނގައިގެ ސާފުތާހިރުކަމަކީ އަނގަ ސާފުކޮށް ދުޅަހެޔޮކޮށް ބެހެއްޓުމަށް ކުރާ ކަންތައްތަކެވެ: ދަތް އުނގުޅުމާއި، ދަތްތަކުގެ ދެމެދު ސާފުކުރުން (ފްލޮސް ނުވަތަ އިންޓަރޑެންޓަލް ބުރުސް ބޭނުންކޮށްގެން)، ދޫ ސާފުކުރުން، އަދި ބައެއް ފަހަރު އަނގަ ދޮންނަ ދިޔާ ތަކެތި ބޭނުންކުރުން ހިމެނެއެވެ. މިކަންކަން ރަނގަޅަށް ކުރުމުން ދަތުގައި އަބަދުވެސް އުފެދޭ “ހިކިފައިވާ” ބެކްޓީރިއާގެ ފިލްމެއްކަމުގައިވާ “ޕްލާކް ނައްތާލުމަށް އެހީތެރިވެދެއެވެ. ޕްލާކް ނުނައްތާލައިފިނަމަ، އޭގެ ސަބަބުން ދަތް ހަލާކުވުމާއި (ދަތުގެ ބަލި)، ހިރުގަނޑު ބަލިތައް (ޖިންޖިވައިޓިސް އާއި ޕީރިއޮޑޮންޓައިޓިސް ފަދަ)، އަނގައިން ވަސްދުވުން، އަދި ފަހުން ދަތްތައް ގެއްލުން ފަދަ ކަންކަން ދިމާވެދާނެއެވެ.
ދަތް ފަނިކެއުމާއި ހިރުގަނޑުގެ ބަލިތަކަކީ ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް އެންމެ އާނމު ސިއްހީ މައްސަލަތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަނގައިގެ ގިނަ ސިއްޙީ ޙާލަތްތަކަކީ ގިނަ ފަހަރަށް، ކުރީކޮޅުގައި ހުއްޓުވޭނެ އަދި ފުރަތަމަ މަރުޙަލާތަކުގައި ފަރުވާދެވޭނެ ކަންކަމެވެ.
އަނގައިގެ ސިއްޙަތާއި މުޅި ހަށިގަނޑުގެ ސިއްޙަތާ ހުރި ގުޅުން
އަނގައަކީ އެކަހެރިކޮށް ހުންނަ ތަނެއް ނޫނެވެ - އެއީ ހަށިގަނޑުގެ އެހެން ގިނަ ނިޒާމުތަކާ ގުޅިފައިވާ އެއްޗެކެވެ. އަނގައިގެ ސިއްޙަތު ދަށްވުމުން އަންނަނިވި ކަންކަމުގެ ނުރައްކާ އިތުރުވެއެވެ: •
ހިތުގެ ބަލިތައް: ހިރުގަނޑު ގެ ބަލީގެ ސަބަބުން ބެކްޓީރިއާ ލޭގެ ދައުރުވާ ނިޒާމަށް ވަދެ، ލޭހޮޅިތަކުގައި ހަލާކުވެ މަގުފަހިވެ، މިކަމުގެ ސަބަބުން ހިތުގެ ބައްޔާއި ސްޓްރޯކް ޖެހުމުގެ ފުރުޞަތު އިތުރުވެދާނެއެވެ.
• ހަކުރު ބަލި: ހަކުރު ބަލި ހުންނަ މީހުންނަށް ހިރުގަނޑު ބަލި ޖެހުމުގެ ފުރުޞަތު ބޮޑެވެ. އަދި ހަމައެހެންމެ، ހިރުގަނޑުގެ ބަލި ބޮޑަށްއިތުރުވެއްޖެނަމަ ލޭގައި ހުންނަ ހަކުރުގެ މިންވަރު ކޮންޓްރޯލްކުރުން އުނދަގޫވެދާނެއެވެ.
• މާބަނޑު އަންހެނުންނަށް ދިމާވެދާނެ މައްސަލަތައް: ބައެއް ދިރާސާތަކުން ދައްކާގޮތުގައި ހިރުގަނޑުގެ ބަލި ހުރުމުން ދަރިފުޅު ވިހެއުމުގެ މުއްދަތު ކުރިން ވިހެއުމާއި، ވިހާއިރު ދަރިފުޅުގެ ބަރުދަން ލުއިވުމާ ގުޅުން ހުރެއެވެ.
• ނޭވާލާ ނިޒާމުގެ އިންފެކްޝަންތައް: އަނގައިގައި ހުންނަ ބެކްޓީރިއާ ފުއްޕާމެއަށް ދަތުރުކޮށް، ނިއުމޯނިއާ ފަދަ އިންފެކްޝަންތައް ޖެހުމަށް ނުވަތަ އެފަދަ އިންފެކްޝަންތައް އިތުރަށް ގޯސްވުމަށް މަގުފަހިވެދާނެއެވެ.
ގަވައިދުން ދަތުގެ ޞިއްޙަތު ބެލުމުގެ މުހިންމުކަން
ރަނގަޅަށް ދަތުގެ ޞިއްޙަތު ބެލެހެއްޓިކަމުގައި ވިޔަސް، ބައެއް މައްސަލަތަކަކީ އަމިއްލައަށް ދެނެގަނެވޭނެމައްސަތަކެއް ނޫނެވެ. މިއީ ގަވާއިދުން (ކޮންމެ 12-6 މަހަކުން، ނުރައްކަލުގެ މިންވަރަށް ބަލައި) ދަތުގެ ޑޮކްޓަރަކަށް ދެއްކުން މުހިންމުވާ ސަބަބުތަކެވެ:
1. މައްސަލަތައް އަވަހަށް ދެނެގަތުން ދަތުގައި "ކެވިޓީ" އުފެދުމާއި، ހިރުގަނޑުގެ ބަލިތަކާއި، އަދި އެހެނިހެން މައްސަލަތައް ފުރަތަމަ ފަށާއިރު އާންމުކޮށް އެއްވެސް އަލާމާތެއް ނުފެންނާނެއެވެ. ދަތުގެ ޑޮކްޓަރަކަށް މިފަދަ މައްސަލަތަކުގެ ކުރީކޮޅުގެ އަލާމާތްތައް (ދަތުގައި ވަޅުއެޅިފައިވާ ނުވަތަ ކެލްސިއަމް މަދުވެފައިވާ ހިސާބުތަކާއި، ހިރުގަނޑު ރަތްވެ ދުޅަވުންފަދަ ކަންކަން) ދެނެގަނެ، އެ މައްސަލަތައް ބޮޑުވުމުގެ ކުރިން ފަރުވާ ދެވިދާނެއެވެ.
2. ދަތް ސާފުކުރުމާއި ހަރުލާފައިވާ ތަކެތި ނެގުން ޓާޓަރު (ގަދަޔަތް ހަރުލާފއިވާ "ޕްލާކް") އަކީ ހަމައެކަނި ދަތްއުނގުޅުމަކުން ސާފުނުވާނެ އެއްޗެކެވެ. ކޮބަޑި އެއްވެއްޖެނަމަ، އޭގެ ސަބަބުން ހިރުގަނޑުގެ ބައްޔެއް ޖެހިދާނެއެވެ. ދަތުގެ ޑޮކްޓަރު ކުރާ ސާފުކުރުމުގައި ޕްލާކް/ޓާޓަރު ނަގައި، ދަތްތައް ސާފުކޮށް، ދަތުގައި ހޮރުހެދުމާއި ދުޅަވުމުގެ ނުރައްކާ ކުޑަކުރެވެއެވެއެވެ.
3. ޚަރަދު ކުޑަވުން ރައްކާތެރިވުމުގެ ގޮތުން ކުރެވޭ ކަންކަން (ސާފުކުރުމާއި، ޗެކަޕްތައް) އަކީ މައްސަލަތައް ބޮޑުވުމުން ކުރަންޖެހޭ ފަރުވާތަކަށް (ރޫޓް ކެނާލް، ދަތް އުފުރުން، ހިރުގަނޑުގެ ސަރޖަރީ) ވުރެ މާ އަގުހެޔޮ ކަންކަމެވެ. ގަވާއިދުން ޗެކަޕްތައް ހެދުމުން މިފަދަ އަގުބޮޑު ފަރުވާތަކުން ސަލާމަތްވެވެއެވެ.
4. މަޢުލޫމާތު ދިނުމާއި އާދަތައް ރަނގަޅުކުރުން ދަތުގެ ޑޮކްޓަރުންނަށް ރަނގަޅު ގޮތުގައި ދަތްއުނގުޅުމާއި، ކެއުމުގެ އާދަތައް (ޚާއްޞަކޮށް ހަކުރު މަދުކުރުން)، ދުންފަތާ ދުފުމުގެ ނުރަގަޅު އާދަ،އަދި އެހެނިހެން އާދަތަކާ ބެހޭ ގޮތުން ލަފާދެވިދާނެއެވެ. އަދި ވަކިވަކި މީހުންގެ ނުރައްކަލުގެ މިންވަރަށް (މިސާލަކަށް ޚާއްޞަ ޞިއްޙީ ޙާލަތްތަކެއް ހުރި މީހުން) ބަލައި އެކަށީގެންވާ ލަފާތައް ދެވިދާނެއެވެ.
5. ދަތާ ގުޅުމެއް ނެތް އެހެނިހެން ޙާލަތްތައް ދެނެގަތުން ދަތުގެ ޞިއްޙަތު ބެލުމުގައި ގިނަ ފަހަރު ކާނާގެ ރަނގަޅު ބާވަތްތައް މަދުވުމާއި، އިންފެކްޝަންތަކާއި، އަދި މުޅި ހަށިގަނޑަށް ޖެހޭ ބަލިތަކުގެ އަލާމާތްތައް ވެސް ފާހަގަކުރެވެއެވެ. ބައެއް ފަހަރު އަނގަޔަތް އަންނަ ބަދަލުތަކަކީ ސީރިއަސް ޙާލަތްތަކެއްގެ ފުރަތަމަ އަލާމާތްތަކެވެ.
މި ސަބަބުތަކަށްޓަކައި، ގަވާއިދުން ދަތުގެ ޑޮކްޓަރަކަށް ދެއްކުމަކީ ތިބާގެ އާންމު ޞިއްޙަތާއި ދަތުގެ ޞިއްޙަތު ރަނގަޅު ފެންވަރެއްގައި ދެމެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ. މިއީ ހަމައެކަނި މައްސަލަތައް ދިމާވުމުން ޑޮކްޓަރަށް ދެއްކުމަށްވުރެ މާ ބުއްދިވެރި، އަދި ދުރު ރާސްތާގައި ޚަރަދު ކުޑަ ގޮތެކެވެ. ތިބާގެ ޞިއްޙަތަށް އިސްކަންދީ، ގަވާއިދުން ދަތުގެ ޗެކަޕްތައް ހަދާށެވެ. މިކަމުން ތިބާގެ ހިނިތުންވުން ދެމެހެއްޓުމަށާއި، އާންމު ޞިއްޙަތު ރަނގަޅު ފެންވަރެއްގައި ބެހެއްޓުމަށް އެހީތެރިވެދޭނެއެވެ.
އަމިއްލައަށް ކުރެވިދާނެ ކަންތައްތައް: ޢަމަލީ އިރުޝާދުތައް.
• ދުވާލަކު ދެފަހަރު ފްލޯރައިޑް އެކުލެވޭ ދަތްއުނގުޅާ ތަކެތިން ދަތް އުނގުޅުން؛ ދަތުގެ ހުރިހާ ދިމާލެއް އުނގުޅައި، މަދުވެގެން ދެ މިނެޓު ވަންދެން އުނގުޅުން.
• ކޮންމެ ދުވަހަކު ދަތްތަކުގެ ދޭތެރެ ސާފުކުރުން (ފްލޮސް، އިންޓަރޑެންޓަލް ބުރުސް).
• ހަކުރު ގިނަ ކާނާއާއި ބުއިންތައް މަދުކުރުން؛ މޭވާއާއި ތަރުކާރީއާއި ކެލްސިއަމް ގިނަ ކާނާ ހިމެނޭ މިންހެޔޮކާނާ ހިޔާރު ކުރުން • ދުންފަތުގެ އިސްތިޢުމާލު ދޫކޮށްލުން؛ ބަނގުރާ ދޫކޮށްލުން، މިއިން ކޮންމެ އެއްޗަކުންވެސް އަނގައިގެ ބަލިތައް އިތުރުވެ، އަނގައިގެ ކެންސަރުގެ ނުރައްކާ އިތުރުވެއެވެ.
• ދަތުގެ ޑޮކްޓަރަށް ގަވާއިދުން ދެއްކުން، އަމިއްލައަށް ބެލުމުގައި ރަނގަޅުކަމު ހީވިޔަސް، ގަވައިދުން ދަތުގެޑޮކްޓަރަކަށް ދެއްކުން - އެހެންކަމުން މައްސަލަތައް އަވަހަށް ދެނެގަނެވެއެވެ.
ހުލާސާކޮށް، ނިންމާލުމުގެ ކުރިން..
އަނގައިގެ ސާފުތާހިރުކަމާއި ގަވާއިދުން ދަތުގެ ޑޮކްޓަރަށް ދެއްކުމަކީ ޞިއްޙަތުގެ މުހިންމު ދެ ތަނބެވެ. މިއިން ހަމައެކަނި ދަތާއި ހިރުގަނޑު ރައްކާތެރިކުރުމުގެ ބަދަލުގައި، މުޅި ހަށިގަނޑުގެ ދުޅަހެޔޮކަން ރައްކާތެރިކުރެވެއެވެ - މިއިން ވޭނާއި، އަގުބޮޑު ފަރުވާތަކާއި، އަދި ނުރައްކާތެރި ބަލިތަކުން ސަލާމަތްވެވެއެވެ. ޅަ އުމުރުން ފެށިގެން އަނގައިގެ ރަނގަޅު އާދަތައް އަށަގެންނެވުމާއި، ރަނގަޅު ފަރުވާ ހޯދުމާއި، އަދި ނުރައްކާތެރި ކަންކަމާމެދު ހޭލުންތެރިވުމުން ވަރަށް ބޮޑު ތަފާތެއް އަންނާނެއެވެ. އަނގައަކީ ގިނަފަހަރު ހަށިގަނޑުގައި ހިނގާ ކަންކަން ދައްކުވައިދޭ ކުޑަދޮރެކެވެ - އަނގަ ބެލެހެއްޓުމަކީ މުޅި ހަށިގަނޑު ބެލެހެއްޓުމވެ.
-----------------------------------------------------------------------------------------------------
ނޯޓް: މިލިޔުން ތައްޔާރު ކުރުމަށްމައުލޫމާތު އެއްކުރަމުން ދިޔައިރު، ފެނިފައިވާ ދިވެހިރާއްޖެ ގެ ދިރާސީ ތަފާސް ހިސާބުތައް ތިރީގައި ހުށަހަޅާ ލަމެވެ.
ދިވެހިރާއްޖެ: ރާއްޖޭގެ ޙާލަތާއި ތަފާސްހިސާބުތައް
ދިވެހިރާއްޖޭގެ ދަތުގެ ޞިއްޙަތާ ގުޅޭ ބައެއް ކަންކަމާ ބެހޭގޮތުން ބޭނުންވާ ވަރަށް މަޢުލޫމާތު ޝާއިޢުކުރެވިފައި ނުވިނަމަވެސް، އެނގިފައިވާ މުހިންމު ޙަޤީޤަތްތަކުގެ ތެރޭގައި:
• 2014 ވަނަ އަހަރު ދިވެހިރާއްޖޭގެ (މާލެ އާއި އަތޮޅުތަކުގެ) ގްރޭޑް 1 ގެ ދަރިވަރުންގެ (އުމުރުން ގާތްގަނޑަކަށް 6-7 އަހަރު) މެދުގައި ހިންގުނު ސްކްރީނިންގ ޕްރޮގްރާމެއްގައި، 6،331 ކުދިންގެ ތެރެއިން% 35.2 ކުދިންގެ އަނގައިގެ ޞިއްޙަތާ ގުޅޭ މައްސަލަތައް ހުރިކަން ފާހަގަކުރެވުނެވެ. މީގެ ތެރޭގައި އެންމެ އާންމު މައްސަލަތަކުގެ ތެރޭގައި ދަތްފަނި ކެއުން ހިމެނެއެވެ.
• ހަމަ މި ސްކްރީނިންގގައި، 6،331 ގްރޭޑް 1 ގެ ދަރިވަރުންގެ ތެރެއިން 1،650 ކުދިންގެ "އަނގަ އާއި ދަތުގެ ބޮޑެތި މައްސަލަތައް" ހުރިކަން ފާހަގަކުރެވުނެވެ. މީގެ ތެރޭގައި ދަތުގެ އިންފެކްޝަންތައް ހިމެނެއެވެ.
• ޞިއްޙީ ދާއިރާގެ މަސައްކަތްތެރިންނާ ގުޅޭގޮތުން: ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ތަފާސްހިސާބުތަކާ އެއްގޮތްވާ ގޮތުގެމަތިން، ދިވެހިރާއްޖޭގައި ކޮންމެ 10،000 މީހުންނަށް ޖެހޭ ދަތުގެ ޑޮކްޓަރުންގެ އަދަދު އަހަރުތަކާ އެކު ތަފާތުވެފައިވެއެވެ؛ 2015 ވަނަ އަހަރު ކޮންމެ 10،000 މީހުންނަށް ގާތްގަނޑަކަށް 1.423 ދަތުގެ ޑޮކްޓަރުން ތިބިކަމަށް ވެއެވެ.
މި އަދަދުތަކުން ދައްކައިދެނީ ދިވެހިރާއްޖޭގެ ކުޑަކުދިންގެ ތެރެއިން ގިނަ އަދަދެއްގެ ކުދިންގެ އަނގައިގެ ޞިއްޙަތާ ގުޅޭ މައްސަލަތައް ދެނެގަނެވޭ މިންވަރަށް މިހާރުވެސް ހުރިކަމާއި، އަދި ދަތުގެ ވަސީލަތްތައް (އާބާދީއާ އަޅާބަލާއިރު ދަތުގެ ޑޮކްޓަރުންގެ އަދަދު) ނިސްބަތުން މަދުކަމެވެ