ތަޢާރަފު
ދުފަން ފޯއް ބޭނުންކުރުމަކީ، ދެކުނު އަދި ދެކުނު އިރުމަތީ އޭޝިޔާގައި، އޭގެ ތެރޭގައި (ދިވެހިރާއްޖެވެސް ހިމެނޭގޮތަށް)، ވަރަށް ފުޅާ ދާއިރާއެއްގައި ކުރެވޭ ކަމެކެވެ.އެ ބޭނުން ކުރުމުގައި ފޯއް އެކަނި،ނުވަތަ ބިލެތާއި، ދުންފަތާއި، ހުޏާއެކު ބޭނުންކުރު އެވެ. މިއީ ސަގާފީ ގޮތުން އަށަގެންފައިވާ އާދައެއް ނަމަވެސް، ސައިންޓިފިކް ހެކިތަކުން ސާބިތުވާ ގޮތުގައި ދުފުމުގަިއ ފޯއް ބޭނުން ކުރުމަކީ ދެވިހިފާ އަދި ގެއްލުންހުރި އެއްޗެކެވެ. އަދި މިއީ އަނގައިގެ ކެންސަރާއި، ކެންސަރަށް މަގުފަހިވާ ބަދަލުތަކާއި، ހިތުގެ ބަލިތަކާއި، އަދި މެޓަބޮލިކް ނޭދެވޭ އަސަރުތަކަށް ވަރަށް ބޮޑަށް މެދުވެރިވާ އެއްޗެކެވެ.
މި ނުރައްކާތަކާ ބެހޭ ގޮތުން އެނގިހުރި ނަމަވެސް، ޖިސްމާނީ ގޮތުން ދެވިހިފުމާއި، އިޖްތިމާޢީ ގޮތުން ގަބޫލުކުރެވިފައިވުމާއި، އަދި ދޫކޮށްލުމަށް އެހީތެރިވެދޭނެ ރޭވިފައިވާ ނިޒާމެއް ނެތުމުގެ ސަބަބުން، ބޭނުންކުރާ ގިނަ މީހުންނަށް މިކަން ދޫކޮށްލުމަށް ދަތިވެއެވެ.
މި މަޒުމޫނުގައި ދުފުމުގައި ފޯއް ބޭނުންކުރުމުގެ ސިއްޙީ ނުރައްކާތައް ފާހަގަކޮށް، ހޭލުންތެރިކަން އިތުރުކޮށް، އަދި ދުފުމުގައި ފޯއް ދޫކޮށްލުމަށް އެދޭ ފަރާތްތަކަށް ޢަމަލީ، ހެކީގެ މައްޗަށް ބިނާކޮށް ދެވޭ ލަފާ ހިމަނާފައިވާނެއެވެ.
1. ކެންސަރުގެ ނުރައްކާ - އިންޓަރނޭޝަނަލް އޭޖެންސީ ފޮރ ރިސަރޗް އޮން ކެންސަރ (އައިއޭއާރުސީ) އިން ފޯއް ދަރަޖަކޮށްފައިވަނީ ގްރޫޕް 1 ކާސިނޮޖެން (ކެންސަރަށް މެދުވެރިވާ) އެއްޗެއްގެ ގޮތުގައެވެ
ދިގު މުއްދަތަކަށް ބޭނުންކުރުން ވަރަށް ބޮޑަށް ގުޅިފައިވަނީ އޯރަލް ސަބްމިއުކަސް ފައިބްރޯސިސް (އޯއެސްއެމްއެފް) އާއި އަނގައިގެ ކެންސަރާއެވެ (ގުޕްޓާ އެންޑް ވަރުނަކުލަސޫރިޔާ، 2002).
2. ދެވިހިފުމާއި ބަރޯސާވުން - މައިގަނޑު އަލްކަލޮއިޑް ކަމުގައިވާ އެރެކޮލިން އިން ނަފްސާނީ އަސަރުތަކެއް ކުރެއެވެ. މިކަމުގެ ސަބަބުން ނިކޮޓިން އެޑިކްޝަނާ އެއްފަދަ ގޮތަކަށް ދެވިހިފައެވެ (ވިންސްޓޮކް، ޓްރިވެޑީ އެންޑް ވަރުނަކުލަސޫރިޔާ، 2000).
3. ހިތާއި މެޓަބޮލިޒަމްއަށް ކުރާ އަސަރުތައް - ފޯއް ބޭނުންކުރުން ގުޅިފައިވަނީ ލޭގެ ޕްރެޝަރ މައްޗަށް ދިއުމާއި، މެޓަބޮލިކް ސިންޑްރޯމްއާއި، އަދި ޓައިޕް 2 ޑައިބެޓީޒްގެ ނުރައްކާ އިތުރުވުމާއެވެ (ލީ އެޓް އަލް.، 2012).
4. އަނގައިގެ ސިއްހަތައް ކުރާ އަސަރު
- ދިގު މުއްދަތަކަށް ބޭނުންކުރުމުގެ ސަބަބުން އާންމުކޮށް ކުލަ ބަދަލުވުމާއި، ހިރުގަނޑުގެ ބަލިތަކާއި، އަދި ދަތްތައް ފިހެވުން ފަދަ ކަންކަން ދިމާވާ ވެއެވެ
1. ނިންމުމެއް ނިންމުން - ފޯއްދުފުން ދޫކޮށްލުމަށް ވަރުގަދަ ނިންމުމެއް ނިންމާށެވެ. ތިބާގެ ސަބަބުތައް ލިޔެ، އޭގެ މުހިންމުކަން ތަކުރާރުކޮށް ހަނދާންކުރާށެވެ.
2. މިއާދަ ދޫކޮށްލުމުގެ ތާރީޚެއް ކަނޑައެޅުން - ވަކި ތާރީޚެއް ކަނޑައަޅައި، އެ ތާރީޚަށް ތައްޔާރުވާށެވެ. މިސާލަކަށް ދެ ހަފްތާގެ ތެރޭގައި ދޫކޮށްލުމަށް ނިންމިދާނެއެވެ.
3. ތާއީދު ހޯދުން - އާއިލާއާއި ރަހުމަތްތެރިންގެ އެހީތެރިކަން ހޯދާށެވެ. ތިބާގެ ނިންމުން އެމީހުންނަށް އަންގައި، އެހީތެރިކަމަށް އެދޭށެވެ.
4. ދުފުމުގައި ފޯއް ބޭނުންކުރުމާ ގުޅިފައިވާ ކަންކަން ދެނެގަތުން -ފޯ ބޭނުންކުރުމަށް މެދުވެރިވާ ވަގުތުތަކާއި، ތަންތަނާއިއަދިއެހެނިހެން ކަންކަން ދެނެގަނެ، އެފަދަ ހާލަތްތަކުން ދުރުހެލިވާން މަސައްކަތްކުރާށެވެ.
5. ބަދަލު ގެނައުން - ދުފުމުގެބަދަލުގައި ކުރެވިދާނެ ހެޔޮ ކަންތައްތައް ހޯދާށެވެ. މިސާލަކަށް ކުޅިވަރު ކުޅުން، މޭވާ ކެއުން، ނުވަތަ ޗިއުއިންގަމް ބޭނުންކުރުން ފަދަ ކަންކަން ކުރެވިދާނެއެވެ.
6. ސިއްޙީ ފަރުވާ ހޯދުން - ފޯއް ދުފުން ދޫކޮށްލުމަށް އެހީތެރިވެދޭނެ ބޭސްފަރުވާގެ އިރުޝާދު ހޯދުމަށް ޑޮކްޓަރަކާ މަޝްވަރާކުރާށެވެ.
7. ކެތްތެރިވުން - ފޯއް ދުފުން ދޫކޮށްލުމަކީ ފަސޭހަ ކަމަކަށް ނުވެދާނެއެވެ. ދަތި ވަގުތުތަކުގައި ކެތްތެރިވެ، ތިބާގެ ލަނޑުދަނޑިއަށް ވާސިލުވުމަށް މަސައްކަތްކުރާށެވެ.
8. ކާމިޔާބީތައް ފާހަގަކުރުން - ކުދި ކާމިޔާބީތައްވެސް ފާހަގަކޮށް، ތިބާގެ ނަފްސަށް ހިތްވަރުދޭށެވެ.
ދުފުމުގަިއ ބޭނުން ކުރާ ފޯއް ދޫކޮށްލުމަކީ ދަތި ކަމަކަށް ވެދާނެއެވެ. ނަމަވެސް، މިއީ ތިބާގެ ސިއްޙަތަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މަތީގައިވާ ލަފާތަކާއި އެހީތެރިކަމާއެކު، ތިބާއަށްވެސް މި އާދަ ދޫކޮށްލެވޭނެއެވެ. ހަނދާންބަހައްޓާށެވެ، ކޮންމެ ދުވަހަކީވެސް އަލުން ފެށުމުގެ ފުރުޞަތެކެވެ. ތިބާގެ ސިއްޙަތާއި ދުޅަހެޔޮކަމަށްޓަކައި މިއަދުން ފެށިގެން ދުފުމުގައި ފޯއްބޭނުން ކުރުން ދޫކޮށްލުމަށް ނިންމާށެވެ.