އުރަމަތީ ގައި ރިއްސުން

ޝެއާރް ކޮއްލާ

`

އުރަމަތީ ގައި ރިއްސުން

ޑރ.މުޙައްމަދް ޝިފާން

މިއީ ވަރަށް އާންމު އަލާމާތެއް!

ދިރާސާތަކުން ދައްކާގޮތުގައި އުރަމާތީގެ ބައްޔަކަށް ޑޮކްޓަރަށް ދައްކާ މީހިންގެ 45-75% މީހިން ޑޮކްޓަރަށް ދައްކަން އަންނަނީ އުރަމަތީގަރިއްސާތީ އެވެ. އެހެންކަމުން، އުރަމަތީގެ ބަލިތަކުގެ އަލާމާތް ތަކުގެ ތެރެއިން އެންމެ އާންމު އަލާމާތަކީ ވެސް މިއީއެވެ. މިފަދަ އިން ރިއްސާ ރިއްސުމަކީ ގިނަފަހަރު މާބޮޑުސަމާލު ކަމެއް ބޭނުންވާފަދަ ކަމެއް ނޫނެވެ. ނަމަވެސް ބައެއްފަހަރު ރިއްސުން ބޮޑުވެ އާންމުކޮށް ކުރަމުންދާ ހަރަކާތްތަކަށް ހުރަސް އެޅެއެވެ. (މިސާލަކަށް އަމިއްލައަށް ހެދުން ބަދަލުކޮށްއުޅުމާ، ނިދީގައި އެއްފަރާތަށް ޖެހުންފަދަކަންކަން ކުރަން ދަތި ވުމެވެއެވެ).

މިފަދައިން އުރަމަތީގައި ރިއްސާ ރިއްސުން މައިގަނޑު ގޮތެއްގައި ބެހިގެން ވަނީ ދެ ބަޔަކަށެވެ. މައްސަރު ކަންތަކާ ގުޅިގެން އުރަމަތީގައި ރިއްސާރިއްސުމަށް “ސައިކްލިކަލް މެސްޓެލްޖިއާ” އޭ ކިޔެއެވެ. އަދި މިނޫންގޮތަށް އަންނަ ތަދަށް ” އޭ ސައިކްލިކަލް މެސްޓެލްޖިއާ” އޭކިޔެއެވެ. މޭމަތީގެ (އުރަމަތީ ގެ ޓިޝޫ ނޫން) އެހެނިހެން ހިސާބުތަކުން (މިސާލަކަށް ކަށި ގަނޑު ނޫނީ ނޭވާލުމުގެ ނިޒާމުގައި ހިމެނޭ މަސްތަކާއި މޭމަތީގެ ކަށިތަކުން) އަންނަ ތަދުވެސް އުރަމަތީގައި ހުންނަ ރިހުމެއްހެން ބައެއްފަހަރު ފެނިދާނެއެވެ. މިފަދަ ތަދަށް “އެކްސްޓްރާ މެމަރީ ޕެއިން” އޭކިޔެއެވެ. ޚާއްސަކޮށް “ކޮސްޓޯ ކޮންޑްރައިޓިސް” ނޫނީ ނޭވާލާ ނިޒާމުގަހިމެނޭ، ފުޕާމޭ ގެ ކުރިމަތީގައި ވާ ކަށިތަކުގެ ހުޅު ތަކުގައި ރިއްސާ ރިއްސުމަކީ މުހިއްމުސަބަބެކެވެ.

އުރަމަތީގައި ރިއްސުމާއި ކެންސަރ

އުރަމަތީގައި ރިއްސުމަކީ އާންމުކޮށް އުރަމަތީގެ ކެންސަރގެ އަލާމާތެއްނޫނެވެ. ދުނިޔޭގެ އެކިހިސާބުތަކުގައި 2016-2019 ވަނަ އަހަރުގެ ނިޔަލަށް ހެދިފައިވާ ދިރާސާތަކެއް ގެ ހުލާސާއަށް ބަލާލާނަމެވެ. މިދިރަސާތަކުގައި ޖުމްލަކޮށް 1881 އަންހެނުން (މައިގަނޑު ޝަކުވާއަކީ އުރަމަތީގައި ރިއްސުން) ވަނީ ބައިވެރިވެފައެވެ. މީގެ ތެރެއިން އުރަމަތީ ގެ ކެންސަރ ފެނިފައި ވަނީ 3.5-0 % މީހުން ގެއެވެ.{ 5-2}.

ސަބަބު:

ހަށި ގަނޑުގައި ބަދަލުވަމުން އަންނަ ހޯމޯން އާއެކު، ކިރުއުފައްދައި، ޖަމާވެ ދައުއުރުކުރާ ނިޒާމަށް ބަދަލުތަކެއް އާދެއެވެ. މިގޮތުން ކުދި “ސިސްޓް” އުފެދެއެވެ. އަދިމިފަދައިން އުފެދޭ  “ސިސްޓް” އަކީ މައްސަރު ކަންތަކާ ގުޅިގެން އުރަމަތީގައި ރިއްސާރިއްސުމުގެ މުހިއްމުސަބަބެކެވެ.

އުރަމައްޗައް އަނިޔާއެއްވުން، އުރަމަތީގެ އޮޕަރޭޝަނެއް ފަދަ ކަންކަމަކީ މައްސަރުކަމާނުގުޅި އުރަމައްޗަށް އަންނަ ތަދު ނޫނީ ރިހުމުގެ މުހިއްމު ސަބަބެކެވެ.

ބައެއްފަހަރު ސީދާ ސަބަބު ނުހޯދިދާނެއެވެ. ނަމަވެސް ބައެއްކަން ކަމަކީ މިފަދަ އިން އުރަމަތީގައި ރިއްސުމަށް މަގުފަހި ކޮށްދޭ ކަންކަމެވެ. މިގޮތުން :

  • އުރަމަތީގެ ސައިޒު: އުރަމަތި ބޮޑުވެ ބަރުވުން މިއީ އުރަމަތި އިތުރުން ކަނދުރާއާއި ކޮނޑުގައި ރިއްސުމަށް މަގުފަހި ކޮށްދޭ މުހިއްމު ސަބަބެކެވެ.
  • އުރަމަތީގެ އޮޕަރޭޝަނެއް ކޮށްފައިހުރުން: އުރަމަތީގައި ލަކުނުލުމަކީ ފާރު ފަސޭހަވުމައްފަހުވެސް އުރަމަތީގައި ރިއްސަމަށް މަގުފަހި ކޮށްދޭ ކަމެކެވެ.
  • އުރަމަތި، ދައުރުވާ ހޯމޯން ތަކަށް އަސަރުކުރާ މިން އިތުރުވާފަދަ ކަންކަން: މިސާލަކަށް ހަށިގަނޑުގެ ތެރޭގައި އެކުލެވޭ ސެލްތަކުގައި ސަރުބީގެ ބައިގެ މިންހެޔޮކަން ގެއްލުން.”ފެޓީ އެސިޑް އިމްބެލަންސް”
  • ބޭނުންކުރެވޭ ބޭހެއްގެ ސަބަބުން: ބައެއް ހޯމޯން އެކުލެވޭ ބޭސްތައް، މިސާލަކަށް ދަރިމައި ކުރުމަށް ދެވޭ ފަރުވާގެތެރޭ ގައި ހިމެނޭ އަދި ދޭތެރެ ދުރުކުރެމަށް ބޭނުން ކުރެވޭ ބައެއް ބޭސްތައް ހިމެނެއެވެ. އަދި އިއްދައިން ކެނޑުމަށްފަހު “ހޯމޯން” ފަރުވާ ގައި ބޭނުން ކުރާ “އިސްޓޮރޯޖަން” އަދި “ޕޮރޮޖެސްޓަރޯން” ހޯމޯން ހިމެނެއެވެ.
  • ކެފެއިން އިތުރުވުން: ހެދިފައި ވާބައެއް ދިރާސާގެ އަލީ ގައި، ބައެއް ފަހަރު “ކެފެއިން” ބޭނުން ކުރާމިންވަރު މަދު ކުރުމުން، އުރަމަތީގެ ރިހުމަށް ލުއިކަންލިބެއެވެ.

ރައްކާތެރިވުން:

ތިރީގައި ބަޔާންކުރެނެވި ކަންކަމުން ބައެއްފަހަރު މިފަދަ ވޭނަކުން ރައްކަތެރި ވެވިދާނެއެވެ. ނަމަވެސް ހަނދާނުގައި ބަހައްޓަންވީ ކަމަކީ މިފަދަ ކަމެއްދިމާވެދާނެ ސަބަބުތައް ގިނަކަމެވެ. އަދި އެފަދަ ކަމެއް ކަށަވަރުކޮށް އިނގޭނަމަ ހައްލެއް ހޯދުމެވެ.

  • ހޯމޯން ފަރުވާ ބޭނުން ނުކޮށް ވާނަމަ އެގޮތް ހިޔާރުކުރުން.
  • ވަކިހާއްސަ ބޭހަކުން މިފަދަ ތަދެއް އިތުރުވާނަމަ އެކަން ފާހަގަ ކޮށް ޑޮކޮޓަރުގެ ސަމާލުކަމަށް ގެނެސް، ބޭސް ބަދަލުކުރުން.
  • ބޭނުން ކުރާ ބްރާ އަކީ ހެޔޮވަރުގެ އެއްޗަކަށް ވުން، އަދި ކަސްރަތާއި ކުޅިވަރު ކުޅޭއިރު ކުޅިވަރަށް ހާއްސަ “ސޮޕޯޓްސް ބްރާ” އެއްބޭނުން ކުރުން (ނޯޓް: މިފަދަ އިން އަމަލުކުރުމުން އުރަމައްޗަށް އަނިޔާވުން ދުރުވެއެވެ.)
  • ކެފެއިން ހިމެނޭ ތަކެތި މަދުކުރުން
  • ބުރަކޮށް، ބަރުއުފުލަމުން ކުރާ ކަސްރަތު ތައް ގިނައިން ނުކުރުން.
  • ސަރުބީ މަދު ކާނާ ބޭނުން ކުރުން.
  • ލުއިކަސްރަތު އަދި ޔޯގާ ފަދަ(ހަށިގަނޑާއި ސިކުނޑި އަށް ލުއިކަން ގެނުވައިދޭ) ކަންކަމަކީ، އާންމުދިރިއުޅުމުގެ ބައެއްކަމުގައި ހެދުން.(“ސްޓްރެސް” އާއި ސިކުނޑީގެ ނުތަނަވަސް ކަމުންދުރުވުން)

އުރަމަތީގައި ރިއްސުން (މައިގަނޑު ދެވައްތަރު،  ހުލާސާއެއް)

ޑޮކްޓަރެއްގެ ލަފާ ހޯދާނީ ކޮންއިރަކުން؟

ތަދުނުފިލާ އަބަދުހުރުން (މިސާލަކަށް: އެތައްހަފްތާއެއް ތަދުނުފިލާހުރުން).

އުރަމަތީ ގެ އެއްތަންކޮޅެއްގައި ރިހުން ހުރުން.

ގިނަދުވަސް ވާވަރަކަށް ތަދުބޮޑުވުން.

ތަދާއިހެދި އާންމުކޮށް ކުރާ ހަރަކާތްތަކަށް ބުރޫއެރުން.

ތަދާއި ހެދި ރޭގަނޑުގެ ނިދިން މަހްރޫމްވުން.

(ނޯޓް: ކުރިންވެސް ބަޔާން ކުރެވިދިޔަހެން، އުރަމަތީގެ އެންމެ މައިގަނޑު އަލާމާތަކީ ތަދު/ ނޫނީ އުރަމަތީގައި ރިހުން ކަމުގައި ވާނަމަ، އެއީ އުރަމަތީގެ ކެންސަރަށް ވުމަކީ ދުރުކަމެކެވެ، ނަމަވެސް ޑޮކްޓަރަކު ބެލުމަށް ފަހު ކަށަވަރުކުރުމުގެ ގޮތުން ބައެއްފަހަރު އިތުރަށް ބަލާ ތަހްލީލު ކުރެއެވެ. އަދި ބައެއްފަަހަރު ވަކި ހަމައެއްގެ ދަށުން އަލުން ޑޮކްޓަރަށް ދެއްކުމަށް އިރުޝާދު ދޭނެއެވެ.)

މި ބްލޮގް އަކީ ކެންސަރު ބަލީގެ މައުލޫމާތާއި ފަރުވާ އަދި ކެންސަރު ބަލީގެ އެންމެ ފަހުގެ ދިރާސާ މައުލޫމާތު ދިވެހިބަހުން ގިނަބަޔަކަށް ހުށައެޅުމަށް ޑރ. މުހައްމަދު ޝިފާން ފަށާފައިވާ މަސައްކަތެކެވެ.
ވެބްސައިޓް ޕޮލިސީ
COPYRIGHT © 2024