ކޮލޮނޮސްކޯޕީ އަކީ ކޮބާ؟
ޑރ. މުހައްމަދް ޝިފާން
ތާރީހީ ނަޒަރަކުން.
ބުނެވޭގޮތުގައި މި ވަސީލަތް އުފެއްދީ 1960 ގެ އަހަރުތަކުގެ ކުރީކޮޅުގައި ޖަޕާނުގެ ޓޮކިޔޯޔުނިވާސިޓީގެ ދެ ޑޮކްޓަރުން ކަމުގައި ވާ ޑރ. ނިވާ އާއި ޑރ.ޔަމަގާޓާއެވެ.އަހަރުތަކަކަށް ފަހުމިވާސީލަތް ފުރިހަމަކޮށް ތަނަވަސް ކޮށް ރައްކާތެރިކަމާ އެކު ބޭނުން ކުރުމުގެ ޝަރަފް ލިބިފައި ވަނީ ޑރ. ވިލިޔަމް ވުލްފް އަދި ޑރ. ހިރޯމީ ޝިންޔާ އަށެވެ.
ކޮލޮނޮސްކޯޕީ ހެދުމަކީ ޚާއްސަ އާލާތެއް ބޭނުންކޮށްގެން ބޮޑުގޮހޮރުގެ އެތެރޭގެ ފަށަލަ ބެލުމަށް ހަދާޓެސްޓަކަށް ކިޔާނަމެކެވެ. މި ޓެސްޓް ހަދާނީ މިކަމުގެތަމްރީން ލިބިގެންވާ ޑޮކްޓަރެކެވެ. މިޓެސްޓު ހެދުމުގެ ބޭނުމަކީ ބޮޑު ގޮހޮރުގެތެރޭ ގައި ދުޅައެއް، ފާރެއް،ނޫނީ ޓިއުމަރު ފަދަ ބަލިތައް ވޭތޯ ބަލާ ކަށަވަރު ކުރުމެވެ.
ކޮލޮނޮސްކޯޕް އަކީ އޭގައި ކެމެރާ އަކާ އަލި ކުރާނެ މަގަކާ އަދި ޓެސްޓުކުރަން އެތިކޮޅެއް ނެގޭ ފަދަ ވަސީލަތް ތަކެއް ތަނަވެސް ކޮށް ފައިވާ ހިމަ ހޮޅި އެކެވެ. މީގެ އިތުރުން އެތެރެއަށް ފެނާއި ވައި ދުއްވޭ އަދި ފެންކޮޅު ދެ މޭފަދަ އާލާތެކެވެ. މިއީ ބޭރުން ކޮންޓްރޯލް ކޮށް ގެން ލަންބައި ބޮޑުގޮހޮރުގެ ބަނޑިތަކުން ދަތުރުކުރެވޭ ގޮތަށް ފަރުމާ ކުރެވިފައި ވާ ވަސީލަތެކެވެ.އަދި މި ވަސީލަތް ބޭނުން ކޮށްގެން ބައޮޕްސީ ނެގުމުގެ އިތުރުން ޕޮލިޕް ފަދަ މަސްކޮޅު އަންދާލުމަށް ފަހު އެއްކޮށް ނެގުންވެސް ހިމެނެއެވެ. ގޮހޮރު ބެލުމަށް އެހީވުމުގެ ގޮތުން އެއްބައިފަހަރު ގޮހޮރުގެ އެތެރެއަށް ވައި ފޮނުވައެވެ، މިސަބަބަށް ޓަކައި އެއްބައިފަހަރު މިކަމުގެ ތަކުލީފް (ގޮހޮރު ފުފޭކަމުގެ) އިހްސާސް ކުރެވެއެވެ.
މިޓެސްޓްއަށް ތައްޔާރު ކުރުމުގެ ގޮތުން ބޭހެއް ދީގެން ބޮޑުގޮހޮރު ހުސްކޮށްލައެވެ. މިމަސައްކަތް އާންމުކޮށް ފަށާނީ ޓެސްޓް ހަދާ ދުވަހުގެ ކުރީ ދުވަހުން ފެށިގެންނެވެ( ގޮހޮރު ހުސްކޮށް ތައްޔާރު ކުރުމަށް ބޭސް އަދި ބޮޑުބުންބާފަދަ ވަސީލަތް ބޭނުން ކުރެއެވެ).
އާންމު ހާލަތްތަކުގައި މިޓެސްޓު ހަދާނީ ނިންދަވާލައިގެން ނެވެ. މިޓެސްޓް ހަދަން ބާއްވާނީ އެއްއަރިއަކަށް ނޫނީ އުޑުތިލަމަތިންނެވެ. ކޮލޮނޮސްކޯޕް ލައްވާނީ ފުރަގަސްފަރާތުންނެވެ. ޓެސްޓްއާންމުކޮށް ނިއްމާލާނީ ބޮޑުގޮހޮރުއެއްކޮށް ބެލުމަށްފަހު، ކަނާތްފަރާތުން ބޮޑުގޮހޮރު ފެށޭ ހިސާބަށެވެ(ސީކަމް).ސްކޯޕް ލައްވާއިރު އަދި ޚާއްސް ކޮށް ނެރޭއިރު ބޮޑުގޮހޮރުގެއެތެރެ ބަލަމުން ފޮޓޯނަގަމުންގެންދާނެއެވެ. މިޓެސްޓް ހެދުމުގައި އާންމު ކޮށް ހޭދަވާނީ ފަނަރަ މިނެޓްޓާއި އެއްގަޑި އިރާދެމެދުގެ ވަގުތެކެވެ. އަދި ޓެސްޓް ހަދަމުންދާއިރު އެއްވެސް ޝައްކުކުރެވޭ ދުޅައެއް، ފާރެއް ފެނިއްޖެނަމަ، ބައޮޕްސީ ނަގާނެއެވެ.
- ޓެސްޓްހަދަމުންދާއިރު ބަންޑަށް އުންދަގުލެއް ނޫނީ ތަދެއް އިހްސާސް ކުރަންޖެހިދާނެތަ!
މިޓެސްޓްހަދަމުން ދާއިރު ބަނޑަށް ކޮންމެވެސް ވަރެއް ގެ އުނދަގޫތަކެއް ހުންނާނެއެވެ. ނަމަވެސް އާންމުކޮށް މިޓެސްޓް ހަދާނީ ނިންދަވައިގެން ކަމަށް ވާތީ މިފަދަ ތަކުލީފުތައް ކުރާނީ ވަރަށް ކުޑަމިންވަރަކަށެވެ.
މިސަބަބަށްޓަކައި ޓެސްޓްފެށުމުގެ ކުރިން ނިދާއިންޖެކްޝަނެއް ޖެހުމަށްފަހު ނިންދަވާލައެވެ. އަދި ޓެސްޓްނިމުމުން ކޮންމެވެސް ވަރަކަށް ނިމިގެންދިޔަ ޓެސްޓުގެ ކަންކަން ހަނދާން ނެތުމަކީ އާންމުކަމެކެވެ.
މިފަދަކަމެއް ގައި ބޭނުން ކުރާ “ނިދާ ބޭހަކީ” އާނމުކޮށް ވަރަށް ރައްކާތެރި ބޭހެކެވެ. ނަމަވެސް ކޮންމެ ބޭހެއްގައިވެސް ނޭދެވޭ އަސަރުހުންނަފަދައިން މިބޭހުގައި ވެސްމިފަދަ އަސަރުހުންނާނެއެވެ.މިފަދަ ކަމަކުންދިމާވާ ނޭދެވޭއަސަރަކީ ގިނަފަހަރު ވަގުތީކަމެކެވެ.ނަމަވެސް ޚާއްސަ ހާލަތް ތަކުގައި މިސާލަކަށް ،ދުންފަތުގެ އިސްތިއުމާލް ކުރާނަމަ، ނޫނީ ހަށިގަނޑު މާބަރުނަމަ، ނޭވާހިއްލާނަމަ،ހިތުގެ ނުނީ ކިޑްނީފަދަ ދާއިމީ ބަލިތައް ހުންނަނަމަ، ދާއިމީ ކޮށް މިފދަ ގެއްލުމެއް ފަހަރުގަ ދިމާވެދާނެއެވެ.
- ކޮލޮނޮސްކޯޕީ އިން ދިމާވެދާނެ ކޮމްޕްލިކޭޝަން ތަކަކީކޮބާ؟
(ތިރީގައި ބަޔާން ކުރަވިގެން ވާނީ އާންމުކޮށް ދިމާވެދާނެ ކަންކަމެވެ. މިލިސްޓުގައި ނުވާ ހާދިސާއެއް ދިމާވެދާނެއެވެ. ނަމަވެސްއެއީ ވަރަށް ނާދިރުކަމެކެވެ.)
އާންމުކޮށް ދިމާވެދާނެ ކޮންޕްލިކޭޝަން ތައް
- ޓެސްޓްނިމުމަށް ފަހު ކޮންމެވެސް ވަރަކަށް ބަނޑުގަރިއްސުމެއް (ނޫނީ އުންދަގުލެއް، ބަނޑު ފުއްޕާފައި ހުރުން) ކުޑަ ދުވަސް ކޮޅަކުހުރުމަކީ އާންމު ކަމެކެވެ. މިހެން އެއްބައި ފަހަރު ދިމާވަނީ ޓެސްޓް ހަދަމުން ދާއިރު ފޮނުވާ ވައި އެތެރޭގައި ހުރުމުންނެވެ. ކޮޅަށް ތެދުވެ ހިންގަން ފެއްޓުމުން މި ކަމުންލުއި ލިބެން ފަށާނެ އެވެ.
- މޭނުބައި ކޮށް ހޮޑުލެވުން
- ބޮލަށް އެންބުރުން އަރާފައި ހުރުން، ޚާއްސަކޮށް ހިންގާ އުޅުން ފެށުމުން.
- ބޮލުގައި ރިއްސުން
- ނިންދަވަން އިންޖެކްޝަން ޖެހިތަން ރަތްވެ، ނޫފައިގަތުން އަދި ތަދުވުން.
- ގައިގާ ރިއްސުން
- ބޭނުން ކުރެވޭ ބޭހަކާ ނުގުޅުން (މިސާލަކަށް ނިންދަވަން ނޫނީ އައްސިކުރަން ބޭނުން ކުރެވޭ)
އާންމު ނޫން ކޮންޕްލިކޭޝަން ތައް
- މިޓެސްޓް ހަދަމުން ދާއިރު ގޮހޮރަށް އަނިޔާވެ، ގޮހޮރު ފަޅައިގެން ދިއުމަކީ ދިމާވެދާނެކަމެކެވެ. މިއީ އެއްހާހުން އެކަކަށް ދިމާވެދާނެކަމެކެވެ. މިފަދަ ކަމެއްދިމާވެއްޖެ ނަމަ އެމަރޖެންސީ ކޮށް އޮޕަރޭޝަން ކުރަން ޖެހިދެއެވެ.
- ސަތޭކަޔަކުން އެކަކުގެ މަސްކޮޅު އަންދާލާފަ ނެގިތަނުން ނޫނީ ބައޮޕްސީ ނެގިތަނުން ގިނައިން ލޭ އާދެއެވެ. މިސަބަބަށް ޓަކާ އެއްބައިފަހަރު އަލުން ކޮލޮނޮސް ކޯޕީ އެއް، ލޭ މަނާ ކުރުރުމަށް، ހަދަން ޖެހެއެވެ. އަދި ބައެއް ފަހަރު ލޭ އަޅަން ޖެހި ދެއެވެ.
- މުޅި ބޮޑުގޮހޮރު އެއްކޮށް ނުފެނުން؛ މުޅި ބޮޑުގޮހޮރު އެއްކޮށް ނަޖިސް ނުފިލާ ހުރެއްޖެނަމަ ނޫނީ ކޮންމެވެސް ސަބަބަ ކާހުރެ އެތެރެ ބެދިފައި ވާނަމަ ގޮހޮރު އެއްކޮށް ނުފެނިދާނެއެވެ. ސަބަބަކީ ނަޖިސް ނަމަ، އަލުން ބޭސްދީގެން ގޮހޮރު އެއްކޮށް ސާފުކުރުމަށް ފަހު، އެހެން ދުވަހަކު މި ޓެސްޓް ތަކުރާރު ކުރަން ޖެހިދާނެއެވެ.
- ޕޮލިޕެއް، ޓިއުމަރެއް ނޫނީ ފާރުކޮޅެއް ނުފެނި ދިއުން.
- ހިތާފުއްޕާމެއަށް މައްސަލައެއް ދިމާވުން މިސާލަކަށް ހާޓް އެޓޭކް އެއްފަދަ ކަމެއް ދިމާވުން.
- ޓެސްޓް ހަދަން އަރި އަކަށް ބޭއްވުމާ އެކު ހަށިގަންޑުން ތަނެއް އައްސިވުން، މިއީ ވަގުތީ ކަމެކެވެ، ކުޑަ މުއްދަތެއް ގެ ތެރޭގައި ފަރުވާ އަކާ ނުލައި ފަސޭހަވާނެއެވެ.
އެންމެ ނާދިރު ކޮމްޕްލިކޭޝަން ތައް
- ލޭގެތެރެ އަށް އިންފެކްޝަން އެރުން (ބެކްޓިރީމިއާ) . މިކަމުގެ ފަރުވާއެއް ގެ ގޮތުން އެންޓިބައޮޓިކްސް ދެވެއެވެ.
- ސްޓޮރޯކް އެއް ދިމާވެ ސިކުނޑިއަށް ގެއްލުން ވުން.
- މިޓެސްޓު ހަދަމުން ދާއިރު ދެވޭބޭހަކާ ނުގުޅުން (އެނަފައިލެކްސިސް)
- މިޓެސްޓުގެ ސަބަބުން މީހަކު ނިޔާވުމަކީ ވަރަށް ނާދިރު ކަމެކެވެ.
ޓެސްޓްހަދަން އައުމުގެ ކުރިން، ޓެސްޓްހަދަން އަންނަ ފަރާތުން ޚާއްސަ ސަމާލުކަން ދޭންވީ ކަންކަން
(މަތީގައި ބަޔާން ކުރެވުނެފަދަ ކަމެއް ދިމާވުމުގެ ޗާންސް ކުޑަކުރުމަށް ޓަކައި ތިރީގައި ބަޔާން ކުރެވޭ ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދިނުން)
- އެއްވެސް ބޭހެއް މިވަގުތު ބޭނުން ކުރާނަމަ، ނޫނީ ދާއިމީކޮށް އެއްވެސް ބޭހެއް ބޭނުން ކުރާނަމަ ޓެސްޓް ހަދަން އެދިގެންއަންނަ ވަގުތު ޑޮކްޓަރުގެ ސަމާލުކަމަށް ގެންނާށެވެ. އެގިގެން އެއްވެސް ބޭހަކާ ނުގުޅޭނަމަ މިމައުލޫމާތުވެސް ޓެސްޓް ހަދާޓީމުގެ ސަމާލުކަމަށް ގެންނަން ވާނެއެވެ.
- އެއްވެސް ކަހަލަ މަސްތުވާފަދަ އެއްޗެއް ބޭނުން ކުރާނަމަ ޑޮކްޓަރުގެ ސަމާލުކަމަށް ގެންނަން ވާނެއްވެ. އަދި ޓެސްޓް ހެދުމުގެ ސައްވިސް ގަޑި އިރުކުރިން މިފަދަ އެއްޗެއް ބޭނުން ކޮށްގެން ނުވާނެއެވެ.
- ލޭތުނި ކުރަން އެއް ވެސްބޭހެއް (މިސާލަކަށް ވޯފަރިން، ކޮލޯޕިޑޯގޮރެލް، އެސްޕްރިން ފަދަ) ބޭނުން ކުރާނަމަ ޑޮކްޓަރުގެ ސަމާލުކަމަށް ގެނަންވާނެއެވެ. ބައެއް ފަހަރު މިފަދަ ބޭސް ބޭނުން ކުރާނަމަ “ބައޮޕްސީ” ފަދަ “އިންވޭސިވް” ކަންކަން ނުކުރެވޭނެއެވެ.
- ކުރިން ހިތުގެ ވޭލްވްއެއް ބަދަލު ކޮށް ފައިވާނަމަ، ނޫނި ދަތެއް އުފުރުމުގެކުރިން އެންޓިބައޮޓިކްސް ނަގަންޖެހޭފަދަ މީހެއްނަމަ ޑޮކްޓަރުގެ ސަމާލުކަމަށް އެކަން ގެންނަން ވާނެއެވެ.
- އަޔަން ބޭސް ބޭނުން ކުރާނަމައެ ބޭސް އެއްހަފްތާކުރިން ހުއްޓާލަން ވާނެއެވެ.
ފަހުބަސް
- މިޓެސް ކާމިޔާބުވުމެގެ އެއް އަސްލަކީ ބޮޑުގޮހޮރު އެއްކޮށް ސާފުވެފަހުރުމެވެ.އެހެންކަމުން ޓެސްހެދުމުގެ 24 ގަޑި އިރު ކުރިން ކެއުމަށް ބަދަލު ގެނެސް ‘ލުއި” އޮއްޓަރު ނުހުންނަ ދިޔާ އެއްޗެހި ބޭނުން ކުރުމުން ގޮހޮރު ސާފުވުމަށް އެހީ ވެދެއެވެ.ޓެސްޓަށް ތައްޔާރު ކުރުމުގެ ގޮތުން ގޮހޮރު އެއްކޮށް ސާފުކުރެއެވެ. މި ގޮތަށް ސާފުކުރާނީ ޚާއްސަ ބޭހެއްދީގެންނެވެ. އަދި ބައެއް ފަހަރު ބޮޑުބުންބާ ކުރަން ވެސްޖެހިދެއެވެ.މިފަދަ ބޭހެއް ބޭނުން ކުރުމުން ވަރަށް ގިނައިން ބޭރަށް ހިންގާނެއެވެ. އަދި ވަރުދެރަވާނަމަ އައި ވީ ނޫނީ ލޮނުޕަކެޓު ދޭނެއެވެ. އާންމުކޮށް މިފަދަ އަލާމާތް ތައް ދުވަހެއް ގެތެރޭގއި އަމިއްލަޒާތުގައި ރަނގަޅު ވެއެވެ.
- ޒަމާނާ ވަސީލަތަށް އައިސް ފާވާބަދަލާ އެކު، މިއީ މިހާރު ލުއި ފަސޭހަކަމާ، ރައްކާތެރި ކަމާއެކު މުޅިދުނިޔޭގައި ވެސް ހަދަމުންދާ، މުހިއްމު ޓެސްޓް އެކެވެ.ބައެއް ހާލަތުގައި ހަމައެކަނި ބޭނުން ވާފަރުވާ ވެސްމެއެވެ.
……………………………………………………………………………………………..