“ކެއަރގިވަރ ސްޓްރެސް ސިންޑްރޯމް” ނޫނީ “ބާރން އައުޓް”

ޝެއާރް ކޮއްލާ

`

ބަލިމީހުންގެ ބެލެނިވެރިން ވަރުބަލިވެ ގޮތްހުސްވިޔަ ނުދިނުމަށް, ދުރާލާ ކުރެވިދާނެކަންކަން.

ޑރ. މުޙައްމަދް ޝިފާން

“ގިނަދުވަހު ފަރުވާ ދެމިގެންދާ ފަދަ ބައްޔަކަށް ފަރުވާކުރަމުންދާ މީހަކު ބަލަމުން ދިޔުން, މިއީ ލޯބިވާ އާއިލާގެ މީހަކަށް ވީނަމަވެސް, ގާތް ރަހުމަތްތެރިއެއްކަމުގައި ވިޔަސް, އެޒިންމާ ނަގަނީ ހެޔޮހިތުން އަމިއްލައަށް ހިލޭސާބަހަށް  އެކަން ކޮށްދޭހިތުން ކޮށްދިނުމުގެ ގަސްތުގައެވެ. ތިބާތީ ކޮންމެސަބަބަކާހުރެނަމަވެސް މިފަދަ ޒިންމާއެއް ނަގައިގެން އަދާ ކުރާނަމަ މިފަދަ ކަމަކުން ލިބޭނޭ ހިތްހަމަ ޖެހުމާ ދަރުމަ އެނގޭނެއެވެ. ނަމަވެސް މިފަދަ ކަމަކާ ކުރިމަތިލަނީ ހިތްވަރާއެކު ހެޔޮނިޔަތު ގައި ކަމުގައިވިޔަސް, ތަފާތު ޖިސްމާނީ އަދި ނަފްސަނީ ދަތިތަކާ (ތަކުރާރުކޮށް) ކުރިމަތި ކުރުވައެވެ. އަދި މިފަދަ މަސްޢޫލިޔަތަކީ ގިނަފަހަރަށް ސައްވީސް ގަޑިއިރުގެ މަސްޢޫލިއްޔަތެވެ.

މިފަދަ ވަޒީފާއެއް ތަކުރާރުކޮށް އަދާކުރަމުން ގޮސް ކުރިއަށްދާނެ ގޮތްހުސްވެ ވަރުބަލިވުމަށް  “ކެއަރގިވަރ ސްޓްރެސް ސިންޑްރޯމް” ނޫނީ “ބާރން އައުޓް” ގެނަން ދެވިފާވެއެވެ.

ތިރީގައި ބަޔާންކުރެވިފައިވާ ނުކުތާތަކަކީ މިފަދަ “ބާރން އައުޓް” އަކުން ސަލާމަތް ވުމަށް ދުރާލާ ކުރެވިދާނެ ކަންކަމެވެ.

އެހީ ހޯދުން :

ގިނަފަހަރު އެހެންމީހުންގެ އެހީއަށް އެދުމަކީ ދަތިކަމަކަށް ވެދާނެއެވެ. މިފަދައިން ޖެހިލުންވަނީ ގިނަފަހަރު އަނެކާ މިކަމާ ދޭތެރޭ ވިސްނާނެގޮތަކާމެދު ޔަގީން ނުވާތީކަމަށް ވެދާނެއެވެ. އެހެން ކަމުން އެހެން މީހުން ގެ އެހީއަށް އެދުމުގެ ކުރިން, އެހީއަށް ބޭނުން ވާ ކަންކަމުގެ ލިސްޓެއް ތަރުތީބުކުރުމަށް ފަހު ( އާއިލާ އަދި ގާތް ތިމާގެމީހުންނާ ) ހިއްސާކުރާށެވެ. މިގޮތަށް ކަންކަން ތަރުތީބުކުރުމުން އަމިއްލަ އަށް އަދި އެހީއަށް އެދޭފަރާތަށް ވެސް މިކަންކަން ސާފުވެ, ދެމިހުންނަނެވި ގޮތެއްގައި އެހީތެރި ވުމަށް ފަސޭހަވެދެއެވެ.

ގޭގައި ފަރުވާދެވިދާނެ ކަންކަން ދެނެ ގަންނާށެވެ:

ބައެއް ހާލަތްތަކުގައި, “ޕެލިއޭޓިވް” އަދި ފަރުވާކުރާ ޓީމުގެ ބެލުމުގެ ދަށުން ގޭގައި ދެވިދާނެ ފަރުވާ ތައް ދެނެ ގަންނާށެވެ. މިފަދައިން ކަން ކުރުމުން ކޮންމެފަހަރަކު ސިއްޙީ ފަރުވާ ހޯދުމަށް ހޮސްޕިޓަލަށް ދިއުމުގެ “ބުރަ” ލުއިވެގެންދާނެއެވެ. މިފަދަ ކަންކަމުގެ މައުލޫމާތު ހޯދުމަށް ފަރުވާދޭ ޓީމުގެ ލަފާ ހޯދާށެވެ. މިސާލަކަށް އަތޮޅުތެރޭ ގެ ރައްތަކުގައި ދިރިއުޅުނީ ނަމަ ކީމޯގެކުރިން ރަށުގައި ހެދިދާނެ ޓެސްޓު ތައް ނޫނީ ދެވިދާނެ “ކީމޯ” ފަދަ ފަރުވާ އިނގުން މުހިއްމުވާނެއެވެ.

އަމިއްލަ އަށް ވަގުތު ކޮޅެއް ޚާއްސަކުރުން:

“ކެއަރ ގިވަރ” އެއްގެ “ވަޒީފާ” އަކީ ގިނަފަހަރު ސައްވިސް ގަޑި އިރުގެ ވަޒީފާ އެކެވެ. ނަމަވެސް އަމިއްލަ އަށް ވަގުތު ކޮޅެއް ހޯދަން މަސައްކަތްކުރާށެވެ. މިފަދަ ވަގުތުކޮޅެއް ތާވަލު ކޮށް “ބްރޭކް” ނެގުމަކީ މި މަސައްކަތުގެ ބައެއް ކަމުގައި ހަދާށެވެ. އަދި މިފަދަ ވަގުތުކޮޅަކީ ތިބާ އަމިއްލައަށް ކުރާހިތްވާ ކަންކަމަށް ޚާއްސަކުރާ ވަގުތުކޮޅަކަށްހަދާށެވެ. މިއީ “ތިބާގެ ވަގުތުކޮޅެއްކަން” ދަންނާށެވެ.

ނޫނެކޭ ބުނަން ދަސްކުރޭ :

ޖިސްމާނީ އަދި ނަފްސާނީ ގޮތުން ވަރުބަލިކަން އިހްސާސް ކުރެވުމުގެ އެންމެބޮޑު އަސްލަކީ މެދުކެނޑުމެއްނެތި ތަކުރާރުކޮށް މިޒިންމާ އަދާކުރަމުން ދިއުމެވެ.އެހެން ކަމުން ހުރިހާ ކަމެއް ކުރަމުންދިއުމުގެ ބަދަލުގައި ކުރަން މުޙިއްމު ކަންކަމަށް ސަމާލުކަންދީ ކުރިޔަށްދާން ދަސްކުރާށެވެ. އަދި އެހެނިހެންކަންކަން ފަހަށް ޖައްސާލާށެވެ. މުޙިއްމުނޫން ކަންކަމަށް “ނޫނެކޭ” ބުނަން ދަސް ކުރާށެވެ.

އަމިއްލަނަފްސަށް އާއެކޭބުނުން:

އެހެންމީހެއްގެ ހުރިހާކަމެއްގެ ޒިންމާ އެންމެ ފުރިހަމައަށް ނަގަމުން ދާއިރު ތިބާގެއަމިއްލަ ނަފްސަށް އިހުމާލް ނުވާށެވެ. ތިބާގެ ނަފްސާ ޖިސްމުގެ ދުޅަހެޔޮކަން ލިސްޓުގެ އެންމެކުރިއަށް ލާން ފަސްނުޖެހޭށެވެ. އެއީ ކިތަންމެ ކުޑަ ކަމެއް ކަމުގައި ވީނަމަވެސް, މިސާލަކަށް ހިތް ހަމަޖައްސާލުމުގެ ގޮތުން ފޮތެއްގެ ތަންކޮޅެއް ކިޔާ ލުން ފަދަ ނޫނީ ހުސްވަގުތު ހޮބީ އެއްގެ  ގޮތުގައި ކުރާކަމެއް ކޮށްލުންކަމުގައި ވީނަމަވެސް މިފަދަ ކަންކަން ލިސްޓުގެ ކުރިއަށް ލާން އާދަކުރާށެވެ.

ނޯޓް: ތިމާގެ އަމިއްލަ އިހްސާސްތައް ދެނެގަތުމާ އެފަދަ އިހްސާސް ތަކުގެ މައްޗަށް ކަންކަން ނިންމުމަށް “މައިންޑްފުލްނަސް ޕްރެކްޓިސް ކުރުން” ކިޔައެވެ. އަދި ތިމާއެވަގުތެއްގައި ކުރަމުންދާ އިހްސާސް, ހިޔާލް, ފިކުރު އަދި ތިމާގެ ހިއްސުތަކުގެ މައްޗށް ބުރަވެކަންކަން ނިންމުމަކީ ރަނގަޅުކަމެކެވެ.މިފަދައިން ކަންކުރުމުން ތިބާގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ހެޔޮ ބަދަލުތަކެއް އާދެއެވެ.

ސަޕޯޓް ގުރޫޕެއް ގެ އެހީ ހޯދުން:

އަމިއްލަ ތަޖުރިބާ ހިއްސާ ކުރުމާ އެހެނިހެން މީހުންގެ ތަޖުރިބާ ދެނެގަތުމަކީ މިފަދަ މަރުހަލާއެއްގައި މުހިއްމުނުކުތާއެވެ. އަމިއްލަ ތަޖުރިބާއިން އެހެން މީހުންނަށް ހިއްވަރު ލިބުމުގެ އިތުރުން ތިބާ އަށް މިފަދަ އެހެން ތަޖުރިބާ ތަކުން, ތިބާގެ  މައުލޫމާތު މުއްސަނދިވެ ތިބާގެ މި ޒިންމާ ބޮޑު އެހެނަސް ދަރުމަވެރި ދަތުރުގެ އިތުރު ބައިވެރިން އުފެދެއެވެ. އުނދަގޫ ދަތުރެއްގެ މަންޒިލަށް ވާސިލް ވުމަށް އިތުރު ހިއްވަރަކަށް ވެއެވެ.

ނޯޓް:

އަޅުގަޑުގެ ތަޖުރިބާއިން ރާއްޖޭގައި މިފަދަގޮތަކަށް ހިލޭހިދްމަތް ދޭޖަމިއްޔާ އެއްގެ ވާހަކަ ހިއްސާކޮށްލާނަމެވެ. “ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް” ގެ ކެންސަރ “ސަޕޯރޓް ގްރޫޕް” އެވެ. ސަޕޯރޓް ވައިބަރ ގްރޫޕްއަކާ އަދި އަމަލީ ގޮތުން, ކޮންމެ އަންގާރަދުވަހެއްގައި ބާއްވާ “ސަޕޯރޓް ގްރޫޕްގެ” ވާހަކައެވެ. މިގްރޫޕްގައި ތަޖުރިބާ ހިއްސާ ކުރަށްވާނީ މައިގަނޑު ގޮތެއްގައި ބަލީގެ ފަރުވާ ހޯދަމުންދާ މީހުންނާއި އެހިތެރިން(ބެލެނިވެރިން) ނެވެ. މިގްރޫޕް ގެ ކަންކަން ބަލަހައްޓަމުން ގެންދަވާނީ ކަނޑައެޅިފައިވާ އުސޫލްތަކެއްގެ މަތިން އެ ސޮސައިޓީގެ ސްޓާފުންނެވެ.

ކަސްރަތު:

ހެލިފެލިވެނޫޅޭނަމަ ޖިސްމާނީ އަދި ނަފްސާނީ މައްސަލަތައް ހަށިގަނޑަށް ދިމާވެއެވެ.އަދި މިއީ ގިނަ ބަލިތަކެއް ޖެހުމަށް މެދުވެރިވާ އެއްސަބަބުމެއެވެ. މިގޮތުން ކޮންމެދުވަހަކުވެސް 30 މިނެޓް- 60 މިނެޓުގެ ވަގުތުކޮޅެއް, ބާރަށް ހިނގުން ފަދަ މެދުމިނުގެ ކަސްރަތަކަށް ޙާއްސަކޮށްލުމަކީ މުހިއްމުކަމެކެވެ.

ކައުންސިލިން ހޯދުން:

“ޕްރޮފެޝަނަލް” އެހީ ހޯދުމަކީ މިފަދަ ރޯލެއް އަދާކުރަމުން ދާއިރު ތިބާގެ ނަފްސާނީ ދުޅަހެޔޮކަމަށް އަދި މުސްތަޤުބަލުގައި ކުރިމަތި ވެދާނެ ނޭދެވޭ ކަންކަން ދުރާލާދެނެގަތުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ. ރާއްޖޭގައި މިފަދަ ޚިދުމަތް ހިލޭ ފޯރުކޮށްދޭ ފަރާތްތަކުގެ ނަމާއި ގުޅޭނެ ނަމްބަރު, މައުލޫމާތަށް ޓަކައި,  ތިރީގައި ހިއްސާކޮށްލާނަމެވެ.

ޝުކުރުވެރި ވާންވީ ކީއްވެ؟

ތިބާއަށް މީހަކަށް އަޅާލައި އެހީތެރިވެވި އުޅެދެވުނުނަމަ އެކަމުގެ އުފަލާ ޝަރަފް, ޠަބީޢީ ގޮތުން އަމިއްލައަށް އިހްސާސްކުރެވުމަކީ ނުވެނުދާނެކަމެކެވެ. މިފަދަ ބުރަ,ބޮޑު ޒިންމާއެއް މެދުވެރިވި ސަބަބު ތިމާއަށް ވިސްނައިގަންނަން ދަތިވެދާނެއެވެ. ނަމަވެސް މިފަދަ ކަމެއްގެ ސަބަބުން ތިބާގެ އަމިއްލަނަފްސަށް ލިބުނު އިތުބާރު އެތަށް ގުނައަކަށް އިތުރުވެދެއެވެ. އަނެކާއާ އޮތް ގުޅުން އިހުނަށް ވުރެއިތުރުވެ, ހެޔޮބަދަލުތަކެއް އަންނާނެކަމާމެދު ޝައްކެއްނެތެވެ.

ގިނަފަހަރު މިފަދަ ޒިންމާއެއް ތަޙައްމަލް ކުރަންޖެހުމަކީ، ދުނިޔޭގެ މާއްދީޔަތާއި ދުރުވެ، އުޚްރަވީ ހަޔާތާ ގާތްވާކަމެކެވެ. ހަޔާތުގެ އަސްލު މާނައާއި ދޭތެރޭ ވިސްނަން ލިބޭ ފުރުޞަތެކެވެ. ކުރިމަތިވާމިފަދަ ބޮޑެތި އިމްތިހާން ތަކަކީ ކަލާނގެ ލޯބިވެވޮޑިގެންވާ އަޅުންނަށް ކެތްތެރިކަމާ އީމަންތެރިކަން، އަދި ތަޤްވާ އިތުރުވުމުގެ އަސްލުކަމުގައި ވެދެއެވެ.

ވީއިރު މިފަދަ ކަންކަން ތަޙައްމަލްކުރަން ޖެހުމަކީ ތިބާ ހެއްދެވިފަރާތާއި ގާތްވުމަށް ލިބޭ ރަނގަޅު ފުރުޞަތެކެވެ. ދުނިޔެއަށް ލޯހުޅުވި އަމިއްލަނަފްސަށް އިތުބާރު ކުރަމާ އަމިއްލަ ނަފްސަށް އަޅާލުމުގެ މުޙިއްމުކަން ދަސްވެދާ ހެޔޮފާލެކެވެ.

މުޙިއްމު ނަމްބަރު ތައް:

ސެންޓަރ ފޮރ މެންޓަލް ހެލްތް (އައި.ޖީ.އެމް.އެޗް) :3335245, 3335335, 3335336

މެންޓަލް ހެލްތް ސެންޓަރ (ހުޅުމާލޭ ހޮސްޕިޓަލް): 33500169

ސޮސައިޓީ ފޯރ ހެލްތް އެޑިއުކޭޝަން : 3318804 މެސެޖް ކުރުމަށް: 7976325

ކެންސަރ ސަޕޯޓް ގުރޫޕް އާ ގުޅުމަށް : 7505500

ވިކްޓިމް ސަޕޯރޓް ޔުނިޓް (މޯލްޑިވްސް ޕޮލިސް ސަރވިސަސް ) 24 ގަޑިއިރު: 119, ހޮޓަލައިން: 9770640

  – ނިމުނީ  –

މި ބްލޮގް އަކީ ކެންސަރު ބަލީގެ މައުލޫމާތާއި ފަރުވާ އަދި ކެންސަރު ބަލީގެ އެންމެ ފަހުގެ ދިރާސާ މައުލޫމާތު ދިވެހިބަހުން ގިނަބަޔަކަށް ހުށައެޅުމަށް ޑރ. މުހައްމަދު ޝިފާން ފަށާފައިވާ މަސައްކަތެކެވެ.
ވެބްސައިޓް ޕޮލިސީ
COPYRIGHT © 2024