ހަށިގަނޑުގައި ކެންސަރ ހުރެ، ނުއެނގި ކިހާދުވަހަކު ހުރެދާނެތަ؟

ޝެއާރް ކޮއްލާ

`

ހަށިގަނޑުގައި ކެންސަރ ހުރެ، ނުއެނގި ކިހާދުވަހަކު ހުރެދާނެތަ؟

ޑރ.މުޙައްމަދް ޝިފާން

ކެންސަރ އާ ބެހޭގޮތުން މައުލޫމާތު ހޯދަމުން ދާއިރު ނޫނީ ދަންނަމީހަކު މިފަދަ ބައްޔަކަށް ޑައެގްނޯސް ކުރެވިދާ ވަގުތަކީ ތަފާތުގިނަ ސުވާލު އުފެދިދާނެ ވަގުތެކެވެ. މިފަދަ ވަގުތެއްގައި ހިތުގައި ވަރަށް ގިނަސުވާލު އުފެދެއެވެ. ތިމާގެ ހަށިގަނޑު ގައި ޓިއުމަރެއް އިނދެފާނެބާ؟ އަދި ހާއްސަކޮށް ހަށިގަނޑުގައި ކެންސަރ ހުރެ، ނުއެނގި ކިހާދުވަހަކު ހުރެދާނެ ބާއެވެ؟ މިއީވަރަށް މުހިއްމުސުވާލެކެވެ.

ބައެއް ކެންސަރ ގެ ވައްތަރުތަކަކީ އަލާމާތްފެނުމުގެ ކުރިން ހަށިގަނޑުގައި ހުރިކަން ނޭގޭބައްޔެކެވެ. އަދި މިއީ ބަލި/ ޓިއުމަރގެ ސައިޒު ބޮޑުވެ،އަތްލުމުން އަތުގަޖެހޭވަރުވެ، ނޫނީ ސްކޭންފަދަ ވަސީލަތަށް ފާހަގަ ކުރެވޭވަރުވީމަ ނޫނީ ނޭގޭފަދަ ހާލަތްތަކެވެ.

ނަމަވެސް އަނެއްބައި ވައްތަރުގެ ކެންސަރ އަކީ ބަލީގެ ކުރީކޮޅުގައި، އަލާމާތްތައް ފެނުމުގެ ކުރިން ޑައިގްނޯސް ކުރެވޭ ވައްތަރުތަކެވެ.

މިލިޔުމުގައި ދެން ބަލާލާނީ ކުރީކޮޅުގައި އަލާމަތްތައް ފެނުމުގެ ކުރިންޑައިގްނޯސް ނުކުރެވޭ ފަދަވައްތަރުގެ ކެންސަރތަކާ، މިފަދަ ވައްތަރުތައް އަވަހަށް ދެނެގަންނާނެ ގޮތެވެ.

ނޯޓް: ކުރިންވެސް ލިޔެވިދިޔަ ފަދައިން ބައެއްކެންސަރ ތަކަކީ ކުރީކޮޅު ގައި ދެނެގަންނަން ދަތި ވައްތަރުތަކެކެވެ. މިއާހިލާފަށް ދެނެ ގަންނަން ފަސޭހަ ވައްތަރުތައް މިސާލަކަށް : ހަމުގެ ކެންސަރު ގެ ވައްްތަރުތަކަކީ ގިނަފަހަރަށް ލޮލަށް ފެނުމުން އިނގޭ ބައްޔެކެވެ. ނަމަވެސް ކަށަވަރު ކުރަން ބަޔޮޕްސީ ހަދަންޖެހެއެވެ.

ނަމަވެސް، ބައެއް ވައްތަރުތަކުގެ ކެންސަރ އަކީ މަޑުމަޑުން ލަސްލަހުން ބޮޑުވެ، އަލާމާތެއް ނުފެނި ހުންނަ ވައްތަރުތަކެވެ.

ކެންސަރ، ބަލީގެ ކުރީކޮޅުގައި ދެނެގަތުން މުހިއްމުވަނީ ކީއްވެ؟

ދިރާސާތަކުން ދައްކާގޮތުގައި، އާންމުކޮށް  “ސްކްރީން” ކުރެވިގެން ފެންނަ ކެންސަރުގެ ވައްތަރުތަކުގެ ސައްތަ، ބައްޔަށް ޝިފާލިބުމުގަ އިތުރު ވެއެވެ. ސަބަބަކީ ގިނަފަހަރު އާލާމާތެއް ފެނުމުގެ ކުރިން، ބަލި ދެނެގަނެވުމުން ބަލީ ގެ ކުރީކޮޅުގައި ފަރުވާފޯރުކޮށް ދެވޭތީއެވެ.

ކެންސަރ ފަދަ ބަލިތައް ބަލާމިންގަނޑެއް ކަމުގައި ވާ ފަސްއަހަރުފަހުން (ފަރުވާ ފުރިހަމަކުރުމަށްފަހު) ދުނިޔޭގައި ތިބިމީހިންގެ ސައްތަ ނޫނީ ” ފައިވް އިޔަރ ސަވައިވަލް ރޭޓް” އަށް ބަލާލާއިރު ދުރަށް ނުފެތުރި ހުންނަ އުރަމަތީގެ ކެންސަރ އަދި ޕްރޮސްޓޭޓް ގެ ކަންސަރ ގެ ސައްތަ އަކީ ގާތްގަނޑަކަށް ސަތޭކަ ޕަސެންޓް އާ ގާތަށް އަދަދެކެވެ.

އެހެނަސް، ބައެއް ކެންސަރ ގެ ވައްތަރުތައް، ބަލީގެ ކުރީކޮޅު ހޯދުމަކީ ފަސޭހަކަމެއް ނޫންމެއެވެ. ސަބަބަކީ ބައެއް ކެންސަރުގެ ވައްތަރުތައް ކުރީކޮޅުގައި ދެނެގަނެވޭނެ “ސްކްރީނިން ގައިޑްލައިން ތައް” ނެތުމެވެ. އަދި މިއާއެކު އަލާމާތްތައް ފެންނަނީ ބަލި ބޮޑުވެފެތުރޭފަހުންނެވެ.

މިފަދަ ތަފާތުވައްތަރުގެ ކެންސަރ ތައް، ބަލީގެކުރީކޮޅުގައި ދެނެގަތުމަށް އެހީވެދެވިދާނެ ބައެއް މުހިއްމު ނުކުތާތައް ތިރީގައި ބަޔާންކުރެވި ފައިވަނީއެވެ.

1. ގަވައިދުން އަހަރަކު އެއް ފަހަރު ލޭގެ ޓެސްޓް ތަކާ “މެޑިކަލް އަދި ފިސިކަލް” ޓެސްޓް ހެދުން.

2. އައު އަލާމާތެއް(ކިތަންމެ އާންމު ކަމުގައި ވިއަސް) ފާހަގަ ކުރެވިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ސަމާލު ކަމަށް އެކަން ގެނައުން.

3. ކެންސަރުގެ ވައްތަރެއް އާއިލާގެ ތެރޭގައި އާންމު ނަމަ ޑޮކްޓަރއާ މަޝްވަރާކޮށް، ޓެސްޓް ކުރުން.

ފަހުބަސް:

ވީމާ ތިމާގެ ހަށިގަނޑު ގައި ޓިއުމަރެއް އިނދެފާނެބާ؟ އަދި ހާއްސަކޮށް ހަށިގަނޑުގައި ކެންސަރ ހުރެ، ނުއެންގި ކިހާދުވަހަކު ހުރެދާނެ ބާއެވެ؟ މިސުވާލަށް ދެވޭނެ ސީދާއެއް ޖަވާބެއް ހޯދިފައެއްނުވެއެވެ. އިނގޭކަމަކީ ބައެއް ވައްތަރުގެ ކެންސަރ ދެނެގަނެވެނީ، ހަށިގަޑުގައި އުފެދި ބޮޑުވާން ފަށާތާ މުއްދަތެއް (މަސް ނުވަތަ ބައެއްފަހަރު އަހަރު) ފާއިތުވާފަހުންނެވެ.

ބައެއް އާންމުކޮށް ނުފެންނަ ވައްތަރުގެ ކެންސަރ އަކީ ލަހުން ފެތުރޭ ވައްތަރު ތަކެކެވެ. މިސަބަބަށް ޓަކާ ފަރުވާކުރުމަށް ފަސޭހަވެދެއެވެ. ނަމަވެސް އަނެއްބައި ވައްތަރު ތަކަކީ ކުޑަމުއްދަތެެއްގެ ތެރޭގައި އަވަހަށް ފެތުރޭވައްތަރުތަކެކެވެ. މިސަަބަބަށް ޓަކައި ފަރުވާކުރުމުގަ ދަތިތަކެއްދިމާވެއެވެ.

އެހެންކަމުން، އަވަހަށް ބަލިދެނެގަތުމުގެ ފުރުސަތު އިތުރު ކުރުމަށް “ސްކްރީން” ކުރެވޭ ވައްތަރުތައް އޮންނަ ގަވާއިދުގެމަތިން ކުރިއަށް ގެންދަން ވާނެއެވެ. އަދި އަލަށް ފެންނަ އަލާމާތެއް، އައު އަލާމާތެއް(ކިތަންމެ އާންމު ކަމުގައި ވިއަސް) ފާހަގަ ކުރެވިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ސަމާލު ކަމަށް އެކަން ގެނައުން މުހިއްމުވާނެއެވެ.

ކެންސަރު ގެ ގިނަވައްތަރުތަކަކީ ބަލީގެ ކުރީކޮޅުގައި ސަމާލުކަމަށް ގެނެވި ފަރުވާފެށިއްޖެނަމަ، އިރާދަ ކުރެއްވިއްޔާ އެއްކޮށް ޝިފާލިބޭ ބައްޔެކެވެ. އަދި، ބަލި ކުރީ ކޮޅުގައި ފެނިއްޖެނަމަ ލުއިފަސޭހަފަރުވާތަކަކަށް ހުށަހެޅެ އެވެ.

މި ބްލޮގް އަކީ ކެންސަރު ބަލީގެ މައުލޫމާތާއި ފަރުވާ އަދި ކެންސަރު ބަލީގެ އެންމެ ފަހުގެ ދިރާސާ މައުލޫމާތު ދިވެހިބަހުން ގިނަބަޔަކަށް ހުށައެޅުމަށް ޑރ. މުހައްމަދު ޝިފާން ފަށާފައިވާ މަސައްކަތެކެވެ.
ވެބްސައިޓް ޕޮލިސީ
COPYRIGHT © 2024