އިމިއުނޯތެރަޕީ: ފަހުގެ މަރުހަލާގައި، ކެންސަރުގެ ފަރުވާކުރުމުގައި ކުރިއެރުމެއް!
ޑރ. މ. ޝިފާން
އިމިއުނޮތެރަޕީ ވަނީ އޮންކޮލޮޖީގެ ދާއިރާގައި ބޮޑު ބަދަލެއް ގެނެސްދޭ އައު ވަސީލަތެއްގެ ގޮތުގައި ފާހަގަކުރެވިފައެވެ. މިއީ ފަހުގެ މަރުހަލާތަކުގެ (ތިންވަނަ އަދި ހަތަރުވަނަ މަރުހަލާގެ) ކެންސަރު ބަލި ތަހައްމަލް ކުރަމުންދާ މީހުންނަށް އާ އުއްމީދެއް ގެނެސްދީފައިވާ ފަރުވާއެކެވެ. ސީދާ ކެންސަރު ސެލްތަކަށް އަމާޒުކޮށްގެން ދެވޭ އާންމު ފަރުވާތަކާ ޚިލާފަށް، "އިމިއުނޮތެރަޕީ" ގައި ބޭނުންކުރަނީ ހަށިގަނޑުގެ އިމިއުން ސިސްޓަމް(ދިފާއި ނިޒާމް) ބޭނުންކޮށްގެން ކެންސަރު ސެލްތައް ދެނެގަނެ އެ ސެލްތަކާ ދެކޮޅަށް ހަނގުރާމަކުރުމަށެވެ. މި އައު ވިސްނުމުގެ ސަބަބުން ފެތުރިފައިވާ ކެންސަރު ބަލީގައި، މީހުން ދިރިހުރުމުގެ ނިސްބަތާއި (މުއްދަތު) ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމުގައި މުހިންމު ކުރިއެރުންތަކެއް ވަނީ ހޯދިފައެވެ.
އިމިއުނޮތެރަޕީއާ ބެހޭ ގޮތުން ދެނެގަތުން މުހިއްމު
އިމިއުނޮތެރަޕީގައި ހިމެނޭ ފަރުވާތަކަކީ، ކެންސަރާ ދެކޮޅަށް ހަނގުރާމަކުރުމަށް އިމިއުން ސިސްޓަމް (ދިފާއި ނިޒާމް) ގެ ޤާބިލުކަން އިތުރުކޮށް، އުފައްދައިދޭ އެކި ބާވަތުގެ ފަރުވާތަކެކެވެ. މީގެ ތެރޭގައި ހިމެނޭ މައިގަނޑު ބައިތަކަކީ:
• ޗެކްޕޮއިންޓް އިންހިބިޓަރސް:
މިއީ އިމިއުން ސެލްތަކުން ކެންސަރު ސެލްތަކަށް ހަމަލާދިނުން ހުއްޓުވާ ޕްރޮޓީންތަކަށް ހުރަސްއަޅާ ބޭސްތަކެކެވެ. މިގޮތުން އިމިއުން ސިސްޓަމްގެ ރައްދު އިތުރުކޮށްދެއެވެ.
• މޮނޮކްލޯނަލް އެންޓިބޮޑީސް:
މިއީ ކެންސަރު ސެލްތަކުގައި ހުންނަ ވަކި ޓާގެޓްތަކާ ގުޅޭ، ލެބޯޓްރީގައި އުފައްދާ މޮލެކިއުލްތަކެކެވެ. މިގޮތުން އެ ސެލްތައް ނައްތާލުމަށް ފާހަގަކުރެވެއެވެ.
• ކެންސަރު ވެކްސިންތައް:
މިއީ ކެންސަރަށް ޚާއްޞަ އެންޓިޖެންތަކާ ދެކޮޅަށް ދިފާއީ ރައްދެއް އުފެއްދުމަށް ފަރުމާކުރެވިފައިވާ ވެކްސިންތަކެކެވެ.
• އެޑޮޕްޓިވް ސެލް ޓްރާންސްފަރ:
މީގައި ހިމެނެނީ ބަލިމީހާގެ އަމިއްލަ ދިފާއީ ނިޒާމުގެ ސެލްތައް ބަދަލުކޮށްގެން ކެންސަރު ސެލްތައް ރަނގަޅަށް ދެނެގަނެ އެ ސެލްތަކަށް ހަމަލާދިނުމަށް މަގުފަހިކޮށްދިނުމެވެ.
ކެންސަރ ބަލީގެ ފަހުމަރުހަލާތަކުގައި، އިމިއުނޯތެރެޕީގެ، ސާބިތުވެފައިވާ ފައިދާތަކަކީ ކޮބާ؟
o ފުއްޕާމޭގެ ކެންސަރު: އިމިއުނޮތެރަޕީ ވަނީ ފުއްޕާމޭގެ "ނޮން-ސްމޯލް ސެލް" ކެންސަރު (އެންއެސްސީއެލްސީ) ގެ ފަހުގެ މަރުހަލާގައި ތިބި ބަލިމީހުންގެ ދިރިހުރުމުގެ ނިސްބަތް(މުއްދަތު) ވަރަށް ބޮޑަށް އިތުރުކޮށްދީފައެވެ. އެއް ދިރާސާއަކުން ދައްކާގޮތުގައި އިމިއުނޮތެރަޕީ ލިބުނު ބަލިމީހުން، އެ ފަރުވާ ނުލިބުނު ބަލިމީހުންނާ އަޅާބަލާއިރު 10.7 މަސްދުވަހު އިތުރަށް ދިރިހުއްޓެވެ.
o މެލަނޯމާ: އިމިއުން ޗެކްޕޮއިންޓް އިންހިބިޓަރސް ހިމެނޭ އެކުއެކީގައި ދެވޭ ފަރުވާތަކުން ދައްކާގޮތުގައި ފެތުރިފައިވާ "މެލަނޯމާ" ޖެހިފައިވާ ބަލިމީހުންގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުން 10 އަހަރު، ނުވަތަ އެއަށްވުރެ ގިނަ ދުވަހު ކެންސަރުން ސަލާމަތްވެ ދިރިއުޅެއެވެ.
o ގޮހޮރުގެ ކެންސަރު: ސްޓޭޖް 3 ގެ ގޮހޮރުގެ ކެންސަރު ޖެހިފައިވާ ބަލިމީހުންގެ ތެރެއިން، ޚާއްޞަކޮށް ޑެފިޝަންޓް މިސްމެޗް ރިޕެއަރ (ޑީ.އެމް.އެމް.އާރު) ހުންނަ މީހުންގެ، އިމިއުނޮތެރަޕީގެ ސަބަބުން ބަލި އަލުން ޖެހުމުގެ ފުރުސަތު ކުޑަވެ، ދިރިހުރުމުގެ ނިސްބަތް އިތުރުވެފައިވެއެވެ.
o އުރަމަތީގެ ކެންސަރު: ނުރައްކާތެރި ބާވަތެއްގެ އުރަމަތީގެ ކެންސަރު ކަމުގައިވާ "ޓްރިޕަލް-ނެގެޓިވް" ބްރެސްޓް ކެންސަރު (ޓީ.އެން.ބީސީ) ގައި އިމިއުނޮތެރަޕީގެ ސަބަބުން ދިރިހުރުމުގެ ނިސްބަތް އިތުރުވެފައިވެއެވެ. އެއް ދިރާސާއަކުން ދައްކާގޮތުގައި އިމިއުނޮތެރަޕީ ލިބުނު ބަލިމީހުންގެ ބަލި އިތުރަށް ގޯސްވުމުގެ ފުރުސަތު 38 އިންސައްތަ އަށް ދަށްވެފައިވެއެވެ.
o ބްލެޑަރ ގެ ކެންސަރު: އިމިއުނޮތެރަޕީއާއެކު އެހެން ފަރުވާތައް އެކުއެކީގައި ދިނުމުން، މަސްގަނޑަށް ފެތުރިފައިވާ ބްލެޑަރގެ ކެންސަރު ޖެހިފައިވާ އަދި "ސިސްޕްލެޓިޓިން" ކީމޯތެރަޕީ ނުދެވޭފަދަ ބަލިމީހުންގެ މަރުވުމުގެ ފުރުސަތު ދެބައިކުޅަ އެއްބަޔަށް ދަށްވެފައިވެއެވެ.
ދިރިއުޅުމުގެ ފެންވަރާއި، ދިގު މުއްދަތުގެ ފައިދާތައް
ދިރިހުރުމުގެ އިތުރުން، އިމިއުނޮތެރަޕީއާ ގުޅިފައިވަނީ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވުމެވެ. ބަލިމީހުންނަށް ގިނަފަހަރު ކީމޯތެރަޕީ އަދި ރޭޑިއޭޝަން ފަދަ އާންމު ފަރުވާތަކާ އަޅާބަލާއިރު މަދު ސައިޑް އިފެކްޓްތަކެއް ކުރިމަތިވެއެވެ. މިއީ އިމިއުނޮތެރަޕީން ސީދާ ކެންސަރު ސެލްތަކަށް އަމާޒުކުރެވޭތީ، ދުޅަހެޔޮ ޓިޝޫތައް ސަލާމަތްވެގެންދާތީއެވެ.
މީގެ އިތުރުން، އިމިއުނޮތެރަޕީގެ ފައިދާތައް ފަރުވާ ހުއްޓާލުމަށްފަހުވެސް ދެމިގެންދެއެވެ. އެއް ދިރާސާއިން ދައްކާގޮތުގައި އިމިއުނޮތެރަޕީ ހުއްޓާލުމަށްފަހުވެސް ބަލި ކުރިއަރާފައިނުވާ ދިރިހުރި މީހުންގެ ނިސްބަތް އިތުރުވެ ދެއެވެ. މިއިން ދޭހަވަނީ ދެމިގެންދާ، ފައިދާތަކެކެވެ.